ޓްރަމްޕްާގެ ސަރުކާރުގެ އޮފިޝަލުން "އަޒުލުކުރާނެ ކަމަށް ބުނެ ބިރުދައްކައި" އިންޒާރު ދެމުންދާ ކަމަށް ބުނެ، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ.
މީސް މީޑިއާ ގައި ކުރެއްވި ޕޯސަޓެއްގައި ޓްރަމްޕް ވިދާޅުވީ، ޑިމޮކްރެޓުންގެ މިފަދަ ޢަމަލުތަކަކީ "ޖިނާއީ ކުށެއް" ކަމަށެވެ. އަދި އެ މީހުން އަންނަނީ ކުށެއް ނެތް އެތައް ބަޔަކަށް އިންޒާރުގެ ސިޓީތައް ފޮނުވަމުން ކަމަށްވެސް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. ނަމަވެސް، އެކަމާ ގުޅޭ އެއްވެސް އެއްކެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، އެމެރިކާގެ އިންތިޚާބުގައި ޑިމޮކްރެޓުން ބޮޑު ކާމިޔާބީއެއް ހޯދައި، ޖެނުއަރު މަހުން ފެށިގެން ކޮންގްރެސްގެ ކޮންޓްރޯލް އެ ޕާޓީއަށް ލިބުމުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުން ވަނީ މަޖިލީހުގެ ކޮންޓްރޯލް ލިބުމާއެކު، ޓްރަމްޕްގެ ސަރުކާރުންނާއި އާއިލާއަށް ފަހިކޮށްދީ ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީތައް އުފައްދައި ތަޙުޤީޤުތަކެއް ކުރިއަށް ގެންދާނެ ކަމަށް އިއުލާނުކޮށްފައެވެ.
ޓްރަމްޕްގެ ޕޯސްޓްގައި ޚާއްސަކޮށް މިޝިގަންގެ ޑިމޮކްރެޓިކް ސެނެޓަރު އެލިސާ ސްލޮޓްކިންގެ ނަން ފާހަގަކުރައްވާފައިވެއެވެ. ސްލޮޓްކިން ވަނީ ޔުނިވަރސިޓީ އޮފް ޗިކާގޯގައި ބެއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން، ޓްރަމްޕްގެ ގާނޫނާ ޚިލާފު ސިޔާސަތުތަކަށް ތާއީދުކޮށް އެހީތެރިވި ފަރާތްތައް ޒިންމާދާރުކުރުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ތަޢުލީމު ނިންމާ ޒުވާނުން ޓްރަމްޕްގެ ސަރުކާރުގައި މަސައްކަތްކުރުމަށް ދިޔުމުގެ ކުރިން، ޤާނޫނީ މައްސަލަތަކުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރުގެ މެސެޖެއް ލިބެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ސްލޮޓްކިންގެ މި ވާހަކަތަކަށް ރިޕަބްލިކަން މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވުމުން، އޭނާ ވަނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކާއި ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނާ ޚިލާފުނުވާ މީހުން ބިރުގަންނަން ނުޖެހޭނެ ކަމަށްވެސް އޭނާ މީސް މީޑިއާ ގައި ވިދާޅުވިއެވެ.






