އެމެރިކާގެ ސެކްރެޓަރީ އޮފް ވަރ ޕީޓް ހެގްސެތު މަގާމުން އަޒުލުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ހުށަހެޅި ގަރާރު ނާކާމިޔާބުކޮށްލުމަކީ "މި މައްސަލައިގެ ނިމުމެއް ނޫން" ކަމަށާއި، މިއީ އެކަމުގެ ފެށުން ކަމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީޒް ވިދާޅުވެއްޖެއެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރު ތޯމަސް މެސީ އިސްވެ ހުށަހެޅުއްވި އަޒުލު ކުރުމުގެ ގަރާރު ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފައިވަނިކޮށް، ނޫސްވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖެފްރީޒް ވިދާޅުވީ، ހެގްސެތުގެ މައްސަލަ އަދި ނުނިމޭ ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ވޯޓަށް އެހި ވަގުތު ހިނގާދިޔަ ކަންކަމާމެދު ޑިމޮކްރެޓިކް ޕާޓީން ދަނީ އިތުރަށް ވިސްނަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތޯމަސް މެސީ އަކީ ޓްރަމްޕަށް ފާޑު ވިދާޅުވާ މެމްބަރެކެވެ. އަދި އޭނާ ވަނީ އިންތިޚާބުގައި ޓްރަމްޕް ތާއީކު ކުރެއްވި ކެންޑިޑޭޓަކާ ވާދަކޮށް ބަލިވެފައެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިމްޕީޗްމަންޓް ގަރާރު ބޭރުކޮށްލުމަށް ރިޕަބްލިކަން ޕާޓީގެ ލީޑަރޝިޕަށް ފުރުޞަތު ލިބުނީ ވޯޓުގައި ބައިވެރިނުވާ ޑިމޮކްރެޓިކް މެންބަރުންގެ އަދަދު، ރިޕަބްލިކަން މެންބަރުންނަށްވުރެ އިތުރުވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ރިޕަބްލިކަން ޕާޓީއަށް ބޭނުންވާ ވޯޓު ހަމަކޮށް، ގަރާރު ނާކާމިޔާބުކޮށްލުމުގެ މަގު ފަހިވެގެންދިޔައެވެ.
"މިއީ މި ކަމުގެ ނިމުމެއް ނޫން. މިއީ އަދި ފެށުން،" ވޯޓުގައި މެންބަރުން ހާޒިރުނުވި މައްސަލައާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖެފްރީޒް ވިދާޅުވިއެވެ.





