އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި ދިފާއީ ވަޒީރު ޕީޓް ހެގްސެތު މަގާމުން އަޒުލު ކުރުމަށް ހުށަހެޅި ގަރާރު ނަކާމިޔާބު ކޮށްލާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް މިޝިގަން ސްޓޭޓުން ސެނެޓަށް އިންތިޚާބުވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އަބްދުއްސައްޔިދު ގޮވާލައްވައިފިއެވެ.
ސީއެންއެން އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަބްދުއްސައްޔިދު ވަނީ ހެގްސެތުގެ ޤާބިލުކަމާމެދުސުވާލުު އުފައްދަވައި، އޭނާ މަގާމުގައި ދެމިހުންނަވަނީ ކީއްވެގެންތޯ އައްސަވާފައެވެ.
އަދި ހެގްސެތަށް ރަނގަޅު ވާނީ މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ކަމަށްވެސް އަބްދުއްސައްޔިދު ވިދާޅުވިއެވެ.
ހެގްސެތު އަޒުލުކުރުމަށް މިހާރު ކުރި މަސައްކަތުގައި އަބްދުއްސައްޔިދުގެ އެއްވެސް ދައުރެއް ނެތެވެ. އޭނާއަކީ އަދި ސެނެޓަރ މުންތަޚަބް އެވެ.
"އަޅުގަނޑު ހެގްސެތަށް ދޭން އޮތް މެސެޖަކީ، ކަންކަން މެނޭޖުކުރުމުގައި ތިޔައީ މުޅިން ނާކާމިޔާބު ބޭފުޅެކޭ. ކޮންމެ ދުވަހަކު ތިޔަ ކުރައްވަން އުޅުއްވާ ކަމެއްގެ ޙަޤީޤަތް އެކަކަށްވެސް ނޭނގެ. ސިފައިން މެދުވެރިކޮށް ގާނޫނީ އިމުން ބޭރުން ކުރިއަށްގެންދާ ހަނގުރާމައެއް ހިންގެވުމުގެ ބަދަލުގައި، ތިޔަ ކުރައްވާ ކަމަކީ އައު ސަގާފީ ހަނގުރާމައެއްގެ ވާހަކަ ދެއްކެވުން،" ސީއެންއެންއަށް ދެއްވި ބަސްދީގަތުމުގައި އައްސައްޔިދު ވިދާޅުވިއެވެ. "އެހެންކަމުން، މަގާމުން ވަކިކޮށްގެން ނެރެއެއްލައި ލުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވައި، އެންމެންނަށްވެސް ލުޔެއް ހޯއްދަވައިދެއްވާ. ސަރީހަކޮށް ބުނާނަމަ، ޕީޓް، އަހަރެންގެ ނަސޭހަތް ޤަބޫލުކުރޭ، ކަލޭ ތިޔައީ މި މަސައްކަތަށް ޤާބިލު މީހެއް ނޫން." އަބްދުއްސައްޔިދު ވިދާޅުވިއެވެ.




