އަދާލަތުން އޭޖިއާ ބައްދަލުކޮށް ރަސްމާލެ މަޝްރޫއުގެ މައުލޫމާތު ހޯދަނީ. ފޮޓޯ: އަދާލަތު އެފްބީ
އަދާލަތުން އޭޖިއާ ބައްދަލުކޮށް ރަސްމާލެ މަޝްރޫއުގެ މައުލޫމާތު ހޯދަނީ. ފޮޓޯ: އަދާލަތު އެފްބީ

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީއާއެކު އިއްތިޙާދުވުމަށް ޢަދާލަތު ޕާޓީން ނިންމައިފި

ހިނގަމުންމިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާއެކު ކޯލިޝަން ހެދުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ.

ހޮނިހިރު ދުވަހު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރެއްގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޕާޓީން މި ނިންމުން ނިންމާފައިވަނީ ޕީ.އެން.ސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޕާޓީއަށް ދެއްވި ރަސްމީ ދަޢުވަތާ ގުޅިގެންނެވެ. އެ ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން ފާސްކުރި މި ޤަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅާފައެވެ.

  1. އެގޮތުން ފުރަތަމަ ކަމަކަށް ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
  2. ދެވަނަ ކަމަކަށް ނިންމާފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށެވެ.
  3. މީގެއިތުރުން، ޢަދާލަތު ޕާޓީގެ މަޤްޞަދުތަކާއި، ޕާޓީގެ މެންބަރުންގެ ޙައްޤުތަކުގެ އިތުރުން ޕާޓީގެ ދުރު މުސްތަޤުބަލުގެ މަޞްލަޙަތުތަކަށް ރިޢާޔަތްކޮށް، ކޯލިޝަނުގައި ބައިވެރިވުމުގެ ޝަރުޠުތަކާއި އިންތިޒާމުތައް ކަނޑައެޅުމަށްފަހު، ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލައި، ޕީ.އެން.ސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޢަދާލަތު ޕާޓީގެ ރައީސާ ހަވާލުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއެކު، ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަކީ މި ވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ މަޖިލީހުން ދެކޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

2005 ވަނަ އަހަރު އުފެދުނީއްސުރެ، ޢަދާލަތު ޕާޓީއަކީ ވަކިން ވާދަކޮށްގެން ވޯޓު ހޯދޭ ޕާޓީއެއް ނޫނެވެ. އެ ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ޢަދަދު 7,100 ގައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރެއްވި އަނާރާ ނަޢީމް ހޯއްދެވި ގޮނޑިއެވެ. އޭގެ ފަހުން 2019 އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައިވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި، 2019 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާނެ މެންބަރަކު ނެތެވެ. އެހެންނަމަވެސް، ސިޔާސީ މަސްރަހުގައި އެ ޕާޓީގެ ބާރުވެރިކަން އޮންނަނީ ދީނީ ގޮތުން ލިބިފައިވާ އިތުބާރާއި، ވާދަވެރި ރިޔާސީ އިންތިޚާބުތަކުގައި ކޯލިޝަން ސަޕޯޓާއެކު ކމްޕޭންކޮށްދީ ނަތީޖާ ބަދަލުކޮށްލުމުގެ ޤާބިލުކަމުގެ މައްޗަށެވެ.

ފާއިތުވި އަހަރުތަކުގައި ޢަދާލަތު ޕާޓީން ވަނީ  ސިޔާސީ މައިދާންގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަކާއެކު ސަރކާރުގައި ހިމެނުމަށް ކޯލިޝަން ހަދާފައެވެ.

ހިއްސާ ކުރައްވާ!