ޞިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ސަރަޙައްދީ ފެންވަރެއްގައި ޤާއިމުކުރާ ޢިލްމީ، ޓެކްނޮލޮޖީ އަދި އީޖާދީ އެއްބާރުލުން ހަރުދަނާކުރުމުގެ ގޮތުން، ޢަބްދުލްޢައްބާސް އިބްނު ސީނާގެ ނަމުން ނަންދީގެން ތިން ޤައުމު ހިމެނޭ އިއްތިޙާދެއް އުފެއްދުމަށް އީރާނުން ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ޖެނީވާގައި އޮތް ބައިނަލްއަޤްވާމީ ޢިލްމީ ސަމިޓެއްގައެވެ.
ސްވިޒްލޭންޑުގެ ޖެނީވާގައި ހުންނަ އދ ގެ ޕެލަސް އޮފް ނޭޝަންސްގައި ނޮވެންބަރު 12 ވަނަ ދުވަހު ބޭއްވި "އިބްނު ސީނާއާއި އައު ޢިލްމީ ވިސްނުމެއް ބައްޓަންކުރުމުގައި އެމަނިކުފާނުގެ ޙިއްޞާ" ނަމަކަށް ކިޔާ ބައިނަލްއަޤްވާމީ ޢިލްމީ ސަމިޓްގައި ވާހަކަދައްކަވަމުން، އީރާނުގެ ޓްރޭޑިޝަނަލް މެޑަސިން އެންޑް މެޑިސިނަލް ހަރބްސް ޑިވެލޮޕްމަންޓްގެ ވެރިޔާ ޙުސައިން ރަޒާއީޒާދާ ވިދާޅުވީ، މި ތިން ޤައުމުގެ މެދުގައި ހުރި އެއްގޮތް ޢިލްމީ، ސަގާފީ އަދި ތާރީޚީ ޤާބިލުކަމުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި ސަރަޙައްދީ ފެންވަރެއްގައި ޢިލްމީ އަދި ޓެކްނޮލޮޖީގެ އެއްބާރުލުން ފުޅާކުރުމަށްޓަކައި އިބްނު ސީނާގެ ޢިލްމީ އަދި ބޭސްވެރިކަމުގެ ތަރިކައިން ފައިދާ ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި އިސްނެގުމުގެ މަޤުޞަދަކީ އީރާނާއި، ތަޖިކިސްތާނާއި، އަފްޣާނިސްތާނުގެ ޔުނިވަރުސިޓީތަކާއި، ޢިލްމީ ދިރާސާކުރާ މަރުކަޒުތަކާއި، ޤާބިލު ކުންފުނިތަކުގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއިން އަމާޒު ހިފާފައިވާ ސަރަޙައްދީ އެއްބާރުލުމެއްގެ ބިންގާ އެޅުމެވެ. އަދި ޢިލްމީ އަދި ތާރީޚީ އެއްގޮތްކަންތައްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމެވެ.
މި ހުށަހެޅުމުގެ މައިގަނޑު ކަންކަމުގެ ތެރޭގައި ގުޅިގެން ދިރާސާކުރުން ފުޅާކުރުމާއި، ބޭސްވެރިކަމާއި ޞިއްޙީ ލިޔެކިޔުންތައް ދިރާސާކޮށް އަލުން ބެލުމާއި، ޤުދުރަތީ އުފެއްދުންތައް މިންގަނޑުތަކަކަށް ފެއްތުމާއި، ބޭސް ފަތްޕިލާވީ މުއްސަނދިކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މިގޮތުން، "އިބްނު ސީނާ ކޮންސޯޓިއަމް ފޯ ސައިންސް، ހެލްތު އެންޑް އިނޮވޭޝަން" ގެ ނަމުގައި އުފައްދާ މި ޕްލެޓްފޯމް ވެގެންދާނީ މި ތިން ޤައުމުގެ ޢިލްމީ ޤާބިލުކަން އެއްތަންކޮށް، ޚާއްސަކޮށް ޓްރެޑިޝަނަލް މެޑަސިން، ބޭސް ފަތްޕިލާވެލީގެ ތަރިކަ އަދި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއެރުވުމަށް ލިބޭ ފުރުޞަތަކަށެވެ.
- އިބްނު ސީނާއަކީ ކޮން ބޭކަލެއް؟
- އިބްނު ސީނާ (އަބޫ ޢަލީ އަލްޙުސައިން ބިން ޢަބްދުﷲ ބިން ސީނާ – ހުޅަނގުގެ ޤައުމުތަކުގައި މަޝްހޫރުވެފައިވަނީ 'އަވިސެނާ' (Avicenna) ގެ ނަމުގައެވެ.) އޭނާ އަކީ މީލާދީން 10 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދު (980 – 1037 އާ ދެމެދު) ދުނިޔޭގައި ވިދާލި އިސްލާމީ ރަން ޒަމާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަލަސަފާވެރިޔާ އަދި ޞިއްޙީ މާހިރެވެ.
- ދުނިޔޭގެ ޞިއްޙީ ދާއިރާއަށާއި ފަލަސަފާއަށް އިބްނު ސީނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ސަބަބުން، ތާރީޚު ދެކޭ އެންމެ އަގުހުރި ޢިލްމުވެރިންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. ޚާއްސަކޮށް، ޞިއްޙީ ބޭސްވެރިކަމުގެ ދާއިރާއިން އެމަނިކުފާނު ލިޔުއްވި "އަލްޤާނޫން ފިއްޠިއްބު" (The Canon of Medicine) ފޮތަކީ، ޤަރުނުތަކެއް ވަންދެން ވިލާތާއި އިރުމަތީގެ ޤައުމުތަކުގެ ޔުނިވަރުސިޓީތަކުގައި ބޭސްވެރިކަމުގައި މައިގަނޑު ފޮތެއްގެ ގޮތުގައި ކިޔަވައިދިން މަޝްހޫރު ފޮތެކެވެ.
- މީގެއިތުރުން، ޓްރެޑިޝަނަލް މެޑަސިން ނުވަތަ ތަބީއީ ބޭސްވެރިކަމާއި، ބޭސްވެރިކަމުގެ އިތުރުން ވިސްނުމާއި ފިކުރުގެ ދާއިރާއިން އެމަނިކުފާނު ގެންނެވި އައު އިންޤިލާބުތަކަކީ މިއަދުގެ ޒަމާނީ ޢިލްމަށްވެސް ބިންގާ އަޅައިދިން މުހިންމު ކަންކަމެވެ.
އީރާނުގެ މި ހުށަހެޅުން ތަންފީޒުކުރުމަށްޓަކައި، އިސްކަންދޭނެ ކަންކަމާއި، އެއްބާރުލުން ދޭނެ ދާއިރާތަކާއި، ބޭސް ފަތްޕިލާވެލީގެ ތަރިކައިގެ ދާއިރާއިން ކުރިއަށްގެންދާނެ ޚާއްސަ މަޝްރޫޢުތައް ކަނޑައެޅުމަށް ތިން އަހަރު ދުވަހުގެ ރޯޑްމެޕެއް އެކުލަވާލާނެ ވޯކިންގ ގްރޫޕެއް ޤާއިމުކުރުމަށް ރަޒާއީޒާދާ ޚިޔާލުދެއްވިއެވެ.
މި ސަމިޓްގައި ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަ އީރާނުގެ ދާއިމީ މަންދޫބު އަލީ ބަޙްރައިނީ ވިދާޅުވީ، މިއަދުގެ ދުނިޔެއަށް ވެރިވެފައިވަނީ އަމިއްލަ އެދުމާއި، ހަރުކަށިކަމާއި، ބައިބައިވުން ކަމަށާއި، އެހެންކަމުން މިއަދު ޙިކްމަތާއި، ޢިލްމީ ޝައުޤުވެރިކަމާއި، ތައައްސުބުން ސަލާމަތްވެފައިވުން ކުރިއަށްވުރެ ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އިބްނު ސީނާއަކީ އިރުމައްޗާއި ހުޅަނގުގެ މެދުގައި އޮތް ފާލަމެއް ކަމަށާއި، އިބުނުސީނާގެ ވިސްނުންފުޅަކީ އިންސާނިއްޔަތުގެ ޚިދުމަތުގައި ބޭނުންކުރެވޭނެ އެންމެ ބޮޑު ބާރު ކަމަށް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެންމެ ޤަދީމީ ޓްރެޑިޝަނަލް މެޑަސިން ނިޒާމުތަކުގެ ތެރޭގައި ހިމެނޭ އީރާނުގެ ބޭސްވެރިކަމަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ކްލިނިކަލް ޓްރަލް ރަޖިސްޓްރީގައި މުޅި ދުނިޔެއިން ތިންވަނައިގައި ހިމެނޭ ދާއިރާއެކެވެ. އީރާނުގައި ޤުދުރަތީ ގޮތުން 8,000 އަށްވުރެ ގިނަ ބާވަތުގެ ގަސްގަހާހެއްސާއި ފަތްޕިލާވެލީގެ ބާވަތްތައް ފާހަގަކުރެވިފައިވާއިރު، މި ދާއިރާއިން ޚާއްސަވެފައިވާ 500 އަށްވުރެ ގިނަ ފަންނުވެރިންނާއި، ޞިއްޙީ ވުޒާރާއިން ފާސްކޮށްފައިވާ ޚާއްސަ ތަމްރީނު ފުރިހަމަކޮށްފައިވާ 1,000 އަށްވުރެ ގިނަ ޖެނެރަލް ޕްރެކްޓިޝަނަރުން ދަނީ ޤައުމުގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ.







