އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ޖޭޕީމޯގަން ޗޭސްގެ ސޮފްޓްވެއަރއަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، އެ ޤައުމުގެ ބޮޑެތި ބޭންކުތަކުގެ އޮންލައިން އަދި މޮބައިލް ބޭންކިންގ ޚިދުމަތްތަކަށް ހޯމަ ދުވަހު ހުއްޓުމަކަށ އައިސް އެތައް ހާސް ކަސްޓަމަރުންނަކަށް މާލީ މުޢާމަލާތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ.
ނޮވެމްބަރު 16 ވަނަ ދުވަހު ދިމާވި މި މައްސަލައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޗޭސް ބޭންކަށެވެ. ޚިދުމަތްތަކަށް އަންނަ މެދުކެނޑުންތައް މޮނިޓަރކުރާ ވެބްސައިޓެއް ކަމަށްވާ "ޑައުންޑިޓެކްޓަރ" ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތުތަކުގައި އެކަނިވެސް އެތައް ހާސް ކަސްޓަމަރުންނެއް ވަނީ އެކައުންޓަށް ލޮގިން ނުވެވުމާއި، ބެލެންސް ނުފެނުމުގެ އިތުރުން ފައިސާ ފޮނުވުމުގައި ދަތިތައް ދިމާވާ ކަމަށް ރިޕޯޓުކޮށްފައެވެ. ޗޭސް ބޭންކުގެ އިތުރުން ބޭންކް އޮފް އެމެރިކާ، ވެލްސް ފާގޯ، ޔޫއެސް ބޭންކް އަދި ފައިސާގެ މުޢާމަލާތްތައް ހިންގާ ޕްލެޓްފޯމެއް ކަމަށްވާ "ޒެލް" ގެ ޚިދުމަތްތަކަށްވެސް މި މައްސަލައިގެ އަސަރުކޮށް، ރިޕޯޓުކުރި މިންވަރު ވަނީ ކުއްލިއަކަށް އިތުރުވެފައެވެ.
މި ހާދިސާއާ ގުޅިގެން ޖޭޕީމޯގަން ޗޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ބޭންކުގެ އެތެރޭގެ ހާޑްވެއަރ ނިޒާމުތަކުގައި ބޭނުންކުރާ ސޮފްޓްވެއަރއަކަށް ދިމާވި ވަގުތީ ފަންނީ މައްސަލައެއް ކަމަށެވެ. އަދި މިއީ ސައިބަރ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަން ކަށަވަރުކޮށްދެމުން އެ ބޭންކުން ބުނީ، ބައެއް މުޢާމަލާތްތައް ފުރިހަމަވުމުގައި އާންމުކޮށް ނަގާ ވަގުތަށްވުރެ އިތުރު ވަގުތު ނެގި ނަމަވެސް، ކަސްޓަމަރުންގެ އެކައުންޓުތަކާއި ފައިސާއަށް އެއްވެސް ނުރައްކަލެއް ނެތި، އެ ފައިސާއަށް ވާސިލުވުމުގެ ފުރުޞަތު ކަސްޓަމަރުންނަށް އޮތް ކަމަށެވެ.
މާލީ ދާއިރާގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ މުޅި ބޭންކިންގ ނިޒާމު އެއްކޮށް ހުއްޓުމަކަށް އައުން ފަދަ ބޮޑު މައްސަލައެއް ނޫނެވެ. އެހެން ބޭންކުތަކުން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާތަކުގެ އަމިއްލަ ނިޒާމުތައް ދިޔައީ އެއްވެސް މައްސަލައެއް ނެތި ހިނގަމުންނެވެ. ނަމަވެސް، ޗޭސް ބޭންކުގެ އެކައުންޓުތައް ހިމެނޭހެން ކުރެވޭ ފައިސާގެ މުޢާމަލާތްތަކާއި ޒެލް މެދުވެރިކޮށް ފޮނުވާ ފައިސާ ޕްރޮސެސްކުރުމުގައި، ޗޭސްގެ ނިޒާމަށް ދިމާވި މައްސަލައިގެ ސަބަބުން ލަސްތަކެއް ކުރިމަތިވީއެވެ.
ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތުތަކާ ހަމައަށް އައިއިރު، މައްސަލަ ޙައްލުކުރެވި މުޢާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވެފައިވާ ކަމަށް ޗޭސް ބޭންކުން ވަނީ "ޔޫއެސްއޭ ޓުޑޭ" އަށް މަޢުލޫމާތު ދީފައެވެ. އެއާއެކު، ޚިދުމަތް މެދުކެނޑިގެން އެކި ޕްލެޓްފޯމްތަކަށް ހުށަހަޅަމުންދިޔަ ޝަކުވާތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
މި ހާދިސާ ހިނގާފައިމިވަނީ އެމެރިކާގެ އެހެނިހެން ބޮޑެތި ޚިދުމަތްދޭ އިދާރާތަކަށްވެސް ފަހަކަށް އައިސް ފަންނީ ސައިބާ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، ބޭންކުތަކުގެ ތަރުޖަމާނުން ވަނީ މި ހާދިސާއަކީ ބޭރުން ދިން ސައިބަރ ހަމަލާއެއް ނުވަތަ މުޅި ބޭންކިންގ ނިޒާމަށް ކުރިމަތިވި ނާކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ވަކި ނިޒާމަކަށް ދިމާވި ފަންނީ މައްސަލައެއްކަން ތަކުރާރުކޮށް ބަޔާންކޮށްފައެވެ.



