ދުނިޔޭގެ އެންމެ މުއްސަނދި އިޤްތިޞާދުތަކުގެ ދަރަނި ރެކޯޑް މިންވަރަކަށް އުފުލި، އިންޓަރެސްޓް ރޭޓްތައް މައްޗަށް ދިއުމުގެ ސަބަބުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖުމްލަ ދަރަނި 9.4 ޓްރިލިއަން ޑޮލަރަށް އަރައި، އާންމު ޞިއްޙަތާއި ތަޢުލީމަށް ކުރާ ޚަރަދަށްވުރެ ބޮޑު ހޭދައެއް ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް އެތައް ޤައުމަކުން ކުރަން މަޖުބޫރުވެއްޖެއެވެ.
ވޯލްޑް ބޭންކުން މި މަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، 1980 ގެ އަހަރުތަކުގެ ފަހުކޮޅަށްފަހު ލޯނު ނެގުމުގެ ޚަރަދު އެންމެ ބޮޑަށް މަތިވެފައިވަނީ މިހާރުއެވެ. ދުނިޔޭގެ އިންފްލޭޝަން މަތިވުމާއި، ސަޕްލައި ޗެއިންތަކަށް ބުރޫއެރުމުގެ އިތުރުން، ޔުކްރޭނާއި އީރާނުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މެދުފަންތިއާއި އާމްދަނީ ދަށް ޤައުމުތަކުގެ އިޤްތިޞާދަށް ވަނީ ނުހަނު ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިޓަލީ، ޗައިނާ އަދި ޖަޕާނު ފަދަ ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައްވެސް މިހާރު އޮތީ ދައުލަތުގެ ދަރަނިތަކެއްގެ ތެރޭގައެވެ. ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކަކީ އެކަތި އަނެކައްޗާ ލާމެހިފައިވާ ނިޒާމަކަށް ވާތީ، މުއްސަނދި ޤައުމުތަކަށް ކުރިމަތިވާ މާލީ ދަތިތަކުގެ ސީދާ އަސަރު ދުނިޔޭގެ އެހެން ހުރިހާ ޤައުމަކަށް ލޯނު ލިބޭ އަގަށް ކުރެއެވެ.
މިގޮތުން، އެމެރިކާގެ ފެޑެރަލް ދަރަނި 40 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސް، އެ ޤައުމުގެ އިޤްތިޞާދުގެ ގާތްގަނޑަކަށް 120 އިންސައްތައަށް އަރާފައިވެއެވެ.،
އެމެރިކާގެ ޓްރެޜަރީ ބޮންޑްތަކުގެ ފައިދާ ނުވަތަ ޔީލްޑް ވަނީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި 5 އިންސައްތައަށްވުރެ އިތުރުވެފައެވެ.
ފަރަންސޭސިވިލާތާއި ޖަޕާނުގެ ބޮންޑް ޔީލްޑްތައްވެސް ވަނީ ފާއިތުވި 25 އަހަރާއި 30 އަހަރުގެ ތެރޭގައި އެންމެ މަތީ މިންވަރަށް އުފުލިފައެވެ.
ކުރިއަރާފައިވާ ޤައުމުތަކުގެ ރައްކާތެރި އަދި ބޮޑު ފައިދާއެއް ލިބޭ ބޮންޑްތަކާ ވާދަކުރުމަށްޓަކައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން އަމިއްލަ އިންވެސްޓަރުންނަށް އިންތިހާއަށް ބޮޑު އިންޓަރެސްޓެއް ހުށަހަޅަން ވަނީ ޖެހިފައެވެ. އެގޮތުން، އައިވަރީ ކޯސްޓް، ކެންޔާ އަދި ނައިޖީރިއާ ފަދަ ޤައުމުތަކުން ލޯނު ހޯދުމަށްޓަކައި އަހަރަކު 7.5 އިންސައްތައާއި 10 އިންސައްތައަށްވުރެ މަތީ އިންޓަރެސްޓް ރޭޓްތަކެއް ދިނުމަށް ވަނީ އެއްބަސްވާން ޖެހިފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ލޯނު ދޫކުރާ ރޭޓްތައް ބޮޑެތި މަރުކަޒީ ބޭންކުތަކުގެ އިންޓަރެސްޓް ރޭޓްތަކާ ގުޅިފައިވާތީ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލޯނު ނެގުމުގެ ޚަރަދުވެސް ވަނީ ކުރިއަރަމުން އަންނަ ގިނަ އިޤްތިޞާދުތަކަށް ވަރަށް ބޮޑަށް ކޮށްފައެވެ.
ދަރަނި ނުދެއްކި ބަނގުރޫޓުވުމުން ސަލާމަތްވުމަށްޓަކައި، މާލީ ދަތިކަން ކުރިމަތިވެފައިވާ ގިނަ ޤައުމުތަކުން ދަނީ އެ ޤައުމުތަކުގެ އެތެރޭގެ އަސާސީ ބޭނުންތަކަށް ހުރި ފައިސާ ދަރަނި ދެއްކުމަށް ބަދަލުކުރަމުންނެވެ.
އާޖެންޓީނާގެ ކުރީގެ އިޤްތިޞާދީ ވަޒީރު މާޓިން ގުޒްމަން މި ހާލަތު ސިފަކުރެއްވީ "ދަރަނި ނުދައްކައި ދޫކޮށްލުމުގެ ބަދަލުގައި ތަރައްޤީ ދޫކޮށްލުން" ކަމަށެވެ.
މިސްރު، ޕާކިސްތާނު އަދި ޓިއުނީޝިއާ ފަދަ ޤައުމުތަކަށް އަލަށް ލިބޭ ލޯނުގެ ފައިސާއަށްވުރެ، ކުރީގެ ދަރަންޏާއި އިންޓަރެސްޓް ދެއްކުމަށް އެ ޤައުމުތަކުން ބޭރުވާ ފައިސާގެ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.
އދ ގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 3.7 ބިލިއަން މީހުން ދިރިއުޅޭ 51 ޤައުމަކުން މިހާރު އާންމު ޞިއްޙަތާއި ތަޢުލީމަށްވުރެ ބޮޑު ހޭދައެއް ކުރަނީ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށެވެ. އަދި ވޯލްޑް ބޭންކު ފަދަ އިދާރާތަކުން ތަރައްޤީގެ މަޝްރޫޢުތަކަށާއި ވަޒީފާ އުފެއްދުމަށް ދޭ ކުޑަ އިންޓަރެސްޓްގެ ލޯނުތައްވެސް ބޭނުންކުރަން ޖެހިފައިވަނީ އަމިއްލަ ލޯނު ދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށެވެ.
ބޭރުގެ އެހީތައް މަދުވުމާއި، 2010 ގެ އަހަރުތަކުގައި އެންމެ ގިނައިން ލޯނު ދޫކުރި ޗައިނާއިން އައު ލޯނު ދިނުމުގެ ބަދަލުގައި ކުރީގެ ލޯނުތައް އަނބުރާ ހޯދުމަށް އިސްކަންދޭން ފެށުމުން މި ދަތިކަން ވަނީ އިތުރަށް ގޯސްވެފައެވެ.
އެފްރިކަން ސެންޓަރ ފޮރ އިކޮނޮމިކް ޓްރާންސްފޮމޭޝަންގެ ވެރިޔާ މާވިސް އޮވޫސޫ-ގިޔަމްފީ ވިދާޅުވި ގޮތުގައި، ދަރަނީގެ މަޝްވަރާތައް ދިގުލައިގެން ދިޔަނުދިނުމަށްޓަކައި ޗައިނާއާއެކު އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރޮކްފެލަރ ފައުންޑޭޝަން ފަދަ ސިޔާސަތުތަކަށް ވަކާލާތުކުރާ އިދާރާތަކުން ދަނީ ދަރަނި ދެއްކުން ވަގުތީ ގޮތުން މަޑުޖައްސާލުމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތެއްގައި ފައިސާ ހޯދައިދިނުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގައި ހުރި ރަން ފަދަ ރިޒާވްތަކުގެ ބޭނުން ހިފުމަށް ގޮވާލަމުންނެވެ.







