ދެކުނު ކޮރެއާގެ ޖަޒީރާއެއްގެ އައްސޭރިއަށް ލައްގާފައި އޮތް ޕްލާސްޓިކް ކޮތަޅަކުން ފެނުނު ކުދިކުދި ހެިތަކަކުން 9 ޤައުމެއްގައި ހިންގާފައިވާ ބައިނަލްއަޤުވާމީ ޑްރަގް ވިޔަފާރީގެ ބޮޑު ނެޓްވޯކެއް އިންޓަރޯޕްގެ ތަޙުޤީޤަށް ހޯދިއްޖެއެވެ.
ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް ޕޮލިސް ސަމިޓްގައި ވާހަކަދައްކަވަމުން އިންޓަރޯޕްގެ އިންވެސްޓިގޭޝަން ސަޕޯޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ސްޓީފަން ފްރައި ވިދާޅުވީ، ކުޑަ ހެއްކަކުން ފެށުނު މި ތަޙުޤީޤުގެ ސަބަބުން 24 ޓަނުގެ ކެޓަމިން އަތުލައިގަނެވިފައިވާ ކަމަށެވެ.
ދެކުނު ކޮރެއާގެ ޖެޖޫ ޖަޒީރާގެ އައްސޭރިން ފެނުނު ކޮތަޅުގައި ގްރީން ޓީ ސައި ފަތުގެ ލޭބަލެއް ޖަހާފައި އޮތް ނަމަވެސް، އޭގައި ހުރީ ނުރައްކާތެރި މަސްތުވާތަކެތި ކަމަށްވާ ކެޓަމިންކަން ފާހަގަކުރެވުނެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އިންޓަރޯޕާ ޙިއްޞާކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެހެން ޤައުމުތަކުން އަތުލައިގަނެފައިވާ ތަކެއްޗާއި އެއާ ގުޅުމެއް ވޭތޯ ބެލުމުން މި ވިއުގަ ބޭޒާރު ވެފައި ވެއެވެ.
"އެއް ކޭސް އަނެއް ކޭހާ، އަދި އިތުރު ކޭސްތަކަކާ ގުޅުވާލެވުނު،" ސްޓީފަން ފްރައި ވިދާޅުވިއެވެ. މި ކަމުގައި ހަރަކާތްތެރިވާ ޖަރީމާ ހިންގާ ފަރާތްތަކަށް ޑްރަގް ޝިޕްމަންޓް އަތުލައިގަތުމަކީ ވިޔަފާރީގެ ޚަރަދެއް ކަމަށް ދެކޭ މިންވަރަށް، އެމީހުންގެ ސްޓްރެޓެޖީ ބައްޓަންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަރީމާތަކާ ގުޅިގެން ޔޫއޭއީގެ ނޭޝަނަލް ޑްރަގް އެންފޯސްމަންޓް އޮތޯރިޓީގެ އޮފިޝަލް ތަރުޖަމާނު ފަހުދު ޢަބްދުﷲ ހައިކަލް ވިދާޅުވީ، ޑްރަގާ ދެކޮޅަށް މަސައްކަތްކުރުމުގައި ތިން އަސާސެއްގެ މައްޗަށް ބިނާކޮށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެއީ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއެޅުމާއި، ރައްކާތެރި ފިޔަވަޅުތައް އެޅުމާއި، އަދި ބަލިޙާލުޖެހޭ ފަރާތްތަކަށް ފަރުވާދީ މުޖުތަމޢަށް އަނބުރާ ރުޖޫޢަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަރޯޕްގެ ތަޙުޤީޤުތަކުން ދައްކާގޮތުގައި، ކެޓަމިންއަކީ މިހާރު އެ އިދާރާގެ ސަމާލުކަމަށް އަންނަ މިންވަރު އެންމެ ބާރަށް އިތުރުވަމުންދާ މަސްތުވާތަކެއްޗެވެ. މަސްތު ނެޓްވޯކްތަކުން ސިއްރު ލެބޯޓްރީތަކުގައި ޑްރަގް އުފެއްދުމުގެ އިތުރުން، ފާރމަސޫޓިކަލް އުފެއްދުންތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދެއެވެ. އަދި ލެދަރ، ޕެޕްރިކާ އަދި ކުލަ ފަދަ ތަކެތީގެ ތެރޭގައި ޑްރަގް ފޮރުވައިގެން އެތެރެކުރުމުގެ އައު އުކުޅުތައް ގެންގުޅެމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
"ބައިނަލްއަޤުވާމީ ޑްރަގް ނެޓްވޯކްތައް ހިންގަނީ ޤައުމުތަކުގެ ޤާނޫނީ ނިޒާމުތަކުގެ މެދުގައި ހުންނަ ޖާގަތަކާއި ބަލިކަށި ކަމުގެ ފައިދާ ނަގައިގެން،" ފްރައި ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ލެޓިން އެމެރިކާގެ 12 ޤައުމެއްގެ އިންވެސްޓިގޭޓަރުން ބައިވެރިވެގެން ބުއެނެސް އައިރެސްގައި އައު ޓާސްކް ފޯހެއް އުފައްދާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި ޖަރީމާތައް ހުއްޓުވުމަށްޓަކައި ޝިޕިންގް ކުންފުނިތަކާއި، ޕޯޓް އޮޕަރޭޓަރުންނާއި، މާލީ އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސްޓީފަން ފްރައި ވިދާޅުވީ ޞައްޙަ މަޢުލޫމާތު އެކަށީގެންވާ ވަގުތުގައި ޙިއްޞާކުރުމަކީ އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށެވެ.







