އިންޑޯ-ޕެސިފިކް ސަރަޙައްދުގެ އެއްބާރުލުން ވަރުގަދަކުރުމަށް ކުއަޑްގެ އިސްވެރިން ބައްދަލުކުރައްވައިފި

"ކުއަޑް" އިއްތިޙާދުގެ ހަތަރު ޤައުމުގެ އިސްވެރިން ފިލިޕީންސްގެ ވެރިރަށް މެނީލާގައި އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ۔  މިއީ މިނިވަން، ހުޅުވާލެވިފައިވާ އަދި އަމާން އިންޑޯ-ޕެސިފިކް ސަރަޙައްދެއް ބިނާކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އަދި، ކަނޑުމަތީގެ ސަލާމަތާއި، އިތުބާރު ހުރި ސަޕްލައި ޗެއިންތަކާއި، އައު ޓެކްނޮލޮޖީގެ އިތުރުން ކާރިސާތަކުން އަރައިގަތުމުގެ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ބޭއްވި ބައްދަލު ވުމެކެވެ.

49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީގެ އިތުރުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއެވެ۔

މި ބައްދަލުވުމަށްފަހު މީސް މީޑިއާގައި ޙިއްޞާކުރެއްވި ބަޔާނެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މެނީލާގައި ކުއަޑްގެ ލީޑަރުންނާއެކު ބޭއްވީ ވަރަށް ބިނާކުރަނިވި އަދި އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށެވެ۔ އަދި މި ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް މަރުޙަލާގައި އެއްބާރުލުން ދިނުމަށް ކަނޑައެޅިފައިވާ ޢަމަލީ ލަނޑުދަނޑިތަކާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދު ތަރައްޤީކޮށް ހަމަޖެހުން ޤާއިމުކުރުމަށް ގެންގުޅޭ ޚިޔާލުތަކަށް އައު ދިރުމެއް ލިބިގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ۔

2024 ވަނަ އަހަރަށްފަހު ކުއަޑްގެ އިސްވެރިން އެއްތަނަކަށް ވަޑައިގެން ބޭއްވި ފުރަތަމަ ސަމިޓްގައި، ސަރަޙައްދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ۔

މެނީލާއަކީ ކުއަޑްގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު މަރުކަޒެކެވެ۔

މި އިއްތިޙާދުގެ ހަތަރު ޤައުމުގެ އޮފިޝަލުން އެންމެ ފުރަތަމަ 2007 ވަނަ އަހަރު ބައްދަލުކުރެއްވީވެސް މެނީލާގައެވެ۔ އޭގެ ދިހަ އަހަރު ފަހުން، 2017 ވަނަ އަހަރު ކުއާޑްގެ މަޝްވަރާތައް އަލުން ފެށިގެންދިޔައީވެސް ހަމަ މި ސިޓީގައެވެ۔

މޯދީ ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ކުއަޑް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ފަސް ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވުމަކީ، މި އިއްތިޙާދުގެ ސްޓްރެޓެޖީ ކާމިޔާބުކުރުމަށް ހަތަރު ޤައުމުން ދޭ އަހަންމިއްޔަތާއި ސިޔާސީ ޢަޒުމުގެ ހެއްކެއް ކަމަށެވެ۔

މި ސަމިޓް ނިންމާލުމަށްފަހު ހަތަރު ޤައުމުގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި، ކަނޑުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާއި، މަސްނޫޢީ ބުއްދި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ކަނޑުއަޑީގެ ކޭބަލް ނެޓްވޯކްތައް ރައްކާތެރިކުރުމަށް ވަނީ ނިންމާފައެވެ۔ ހަމައެއާއެކު، ކުއަޑް ޤައުމުތަކުގެ ސިފައިން ގުޅިގެން ކަނޑުމަތީގެ ޕެޓްރޯލް މަތިންދާބޯޓުތަކުގެ ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޢުލާނުކުރައްވާފައެވެ۔

މީގެ އިތުރުން، 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއިން އިސްނަގައިގެން ފުރަތަމަ ފަހަރަށް "ކުއަޑް ބިޒްނަސް ލީޑަރސް ފޯރަމް" ބޭއްވުމަށްވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ۔

އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގެ މިނިވަންކަން ދެމެހެއްޓުމާއި، ޤައުމުތަކުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްފަރާތުގެ އެކަހެރި ނިންމުންތަކާ ދެކޮޅަށް ތެދުވުމަށް ހަތަރު ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ۔

ހިއްސާ ކުރައްވާ!