އައު ޕްރޮވިންސްތައް އުފެއްދުމާ ގުޅޭގޮތުން ބިލާވަލް ބުއްޓޫ ދެކޮޅު ހައްދަވައިފި

ޕާކިސްތާނު ފޮތިފޮތިކޮށް އައު އިދާރީ ޕްރޮވިންސްތަކެއް އުފެއްދުމާ ގުޅޭގޮތުން ބިލާވަލް ބުއްޓޫ ޒަރްދާރީ ދެކޮޅު ހައްދަވައިފިއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ބޭއްވުމަކީ ޤާނޫނީ އަދި ޤާނޫނުއަސާސީގެ މަތިން ކުރެވިދާނެ ކަމެއް ކަމަށާއި، މިކަމާ މެދު އެއްވެސް ސިޔާސީ ޕާޓީއަކުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

މިކަމާ ގުޅިުގެން ޕާކިސްތާންގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، މި ޚިޔާލުފާޅުކުރެއްވީ އެ ޤައުމުގެ އިންފޮމޭޝަން މިނިސްޓަރު އަޠާއުﷲ ތަރާރެވެ.

މިނިސްޓަރު ތަރާރު މިހެން ވިދާޅުވީ، ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީ.ޕީ.ޕީ) ގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރްދާރީ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

ޤައުމުގެ ހިންގުމުގެ ނިޒާމާއި، ރަނގަޅު ވެރިކަމާ ގުޅޭގޮތުން މުޅި ޤައުމުގައި ބަހުސްތައް ކުރެވެމުންދާ ކަމަށާއި، ރައްޔިތުން އެދެނީ ޖަވާބުދާރީވާނެ ރަނގަޅު ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އިނާޔަތްތައް ލިބިގަންނަމުން އިދިކޮޅު ފަރާތްތަކުގެ ރޯލު އަދާކުރުމަކީ ދެފުށް ފެންނަ އުޞޫލަކަށް ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕީ.ޕީ.ޕީން ބުނާގޮތުން، ޕްރޮވިންސްތައް ބައިބައިކުރުމަކީ ޤާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ސިންދު ޕްރޮވިންސް ބައިބައިކުރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އެ ޕާޓީން ތާޢީދުނުކުރާނެ ކަމަށް އެ ޕާޓީގެ އިސް ވެރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފެވެ. ސިންދު އެސެމްބްލީން ވަނީ މިފަދަ ހުރިހާ މަސައްކަތްތަކާ ދެކޮޅަށް ޤަރާރެއްވެސް ފާސްކޮށްފައެވެ. ނަމަވެސް، ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުޙްސިން ނަޤްވީ މީގެ ކުރިން ވަނީ ޤައުމުގެ މިހާރުގެ އިދާރީ ނިޒާމު ފެއިލވެފައިވާ ކަމަށް ވިދާޅުވެ، އައު ޕްރޮވިންސްތައް އުފައްދައި ސަރަހައްދުތައް ފޮތިފޮތި ޖެހުމަށް ތާޢީދުކުރައްވާފައެވެ.

މި ކަމާ ގުޅޭ ރެފަރެންޑަމެއް ބޭއްވުމާ ގުޅޭގޮތުން ވާހަކދައްކަވަމުން މިނިސްޓަރު ތަރާރު ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރެފަރެންޑަމް ބޭއްވުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކަމަށާއި، ރައްޔިތުންނަކީ އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތް ކަމަށެވެ. "ރައްޔިތުން ބޭނުންވާ ގޮތް ކަނޑައަޅާނީ އަޅުގަނޑުމެންނެއް ނޫން، ރައްޔިތުން އަމިއްލައަށް،" އޭނާ ވިދާޅުވިއެވެ. އަދި ޕްރޮވިންސްތައް އުފެއްދުމުގެ މައްސަލައަށް ސިޔާސީ ނަޒަރަކުން ބެލުމުގެ ބަދަލުގައި ތަރައްޤީގެ ނަޒަރަކުން ބެލުމަށް އޭނާ ގޮވާލެއްވިއެވެ.

ސަރުކާރުގެ މި ޚިޔާލާ ދެކޮޅަށް ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް (ޖޭ.ޔޫ.އައި) ގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖޭ.ޔޫ.އައިގެ ތަރުޖަމާނު އަސްލަމް ޣައިރީ ވިދާޅުވީ، ޤާނޫނުއަސާސީގައި މައްސަލަތައް ހައްލުކުރާނެ ވަކި އުޞޫލުތަކެއް އޮތްއިރު، ރެފަރެންޑަމްގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. މީގެ ކުރިންވެސް ރެފަރެންޑަމްތަކުގެ ތަޖުރިބާ ރަނގަޅު ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާޞިފް ޢަލީ ޒަރްދާރީ ވަނީ ބައްދަލުކުރައްވާފައެވެ. ރަސްމީ މަސްދަރުތަކުން ބުނާގޮތުން، އައު ޕްރޮވިންސްތައް އުފެއްދުމުގައި ޤާނޫނުއަސާސީގެ މާއްދާތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކޮންމެ ރެފަރެންޑަމެއް ވެސް ޕާލަމެންޓުގެ ހުއްދައާ އެކު ކުރިއަށްގެންދިޔުމަށް އެ ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!