ބޮޑު އިންވެސްޓްމަންޓާއެކު ނޮވެމްބަރު މަހު އިންޑިއާގެ ހިއްސާގެ ބާޒާރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

ނޮވެމްބަރު މަހުގެ މިހާތަނަށް ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ހިއްސާގެ ބާޒާރުން 9.53 ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މަހެއްގެ މައްޗަށް މިހާތަނަށް ރެކޯޑު ކުރި އެންމެ ބޮޑު އަދަދެކެވެ. މިއާއެކު، ތެލުގެ އަގު ދަށްވުމާއި، ކުންފުނިތަކުގެ އާމްދަނީ ރަނގަޅުވުމުގެ ސަބަބުން މީގެ ކުރިން ކުރިމަތިވި ހިއްސާތައް ވިއްކާލުމުގެ ހަރަކާތަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ނޭޝަނަލް ސްޓޮކް އެކްސްޗޭންޖުގެ ނިފްޓީ 50 އިންޑެކްސް މިމަހު މިހާތަނަށް 9.7 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ބީ.އެސް.އީ ސެންސެކްސް ވަނީ 10.3 އިންސައްތަ ކުރިއަރާފައެވެ. މިއާއެކު މި ބެންޗްމާކް އިންޑެކްސްތައް ވަނީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ރަނގަޅު ކުރިއެރުން ހޯދުމުގެ މަގުމަތީގައެވެ.

ޤައުމީ ސެކިއުރިޓީޒް ޑިޕޮޒިޓަރީގެ ޢަދަދުތައް ދައްކާގޮތުން، އިންޑީއާގެ ނޭޝަނަލް ބޮންޑުތަކަށް ވެސް ލިބުނު ފައިސާއާ އެކު އިންޑިއާއަށް ނޮވެމްބަރު މަހު ލިބުނު ބޭރުގެ ޕޯޓްފޯލިއޯ ފައިސާގެ ޖުމްލަ ޢަދަދު ވަނީ 10.33 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މީގެ ކުރިން، 2025 ވަނަ އަހަރާއި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ހިއްސާގެ ބާޒާރުން ޖުމްލަ ބޭރުކޮށްލި ފައިސާއަށް ބަލާއިރު ބޮޑު ބަދަލެކެވެ. އެގޮތުން 2025 ގައި 18.91 ބިލިއަން ޑޮލަރު އަދި މި އަހަރުގެ އޮކްޓޯބަރާ ހަމައަށް 31.41 ބިލިއަން ޑޮލަރު ބޭރުކޮށްފައިވެއެވެ.

ނޮވެމްބަރު މަހުގެ މި ރެކޯޑު ހިއްސާ ގަތުންތަކުގެ ސަބަބުން، މި އަހަރު މިހާތަނަށް ބޭރުގެ އިންވެސްޓަރުން ވިއްކާލި ހިއްސާގެ ސާފު ގެއްލުން ވަނީ 21.88 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. މި ކުރިއެރުމުގެ ސަބަބުން އިންޑިއާގެ ހިއްސާގެ ބާޒާރުގެ ނަތީޖާ ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރަނގަޅުވާން ފަށާފައިވި ނަމަވެސް، ނިފްޓީ 50 އިންޑެކްސް އަދިވެސް އޮތީ މިއަހަރުގެ ނިސްބަތުން 3.2 އިންސައްތަ ދަށުގައެވެ.

ސިޓީ، އެޗް.އެސް.ބީ.ސީ، އަދި ގޯލްޑްމަން ސެކްސް ފަދަ ބޮޑެތި ބްރޯކޭޖްތަކުން ވަނީ އިންޑިއާގެ ސްޓޮކް މާކެޓާ މެދު އޮތް ވިސްނުން އުންމީދު ވެރިކަމަށް ބުނެ މައްޗަށް ޖައްސާފައެވެ. ޚާއްޞަކޮށް ދެކުނު ކޮރެއާއާއި ތައިވާން ފަދަ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގެ މައްޗަށް ބަރޯސާވެފައިވާ ބާޒާރުތަކުން އިންވެސްޓަރުން ދުރުވަމުންދާތީ، އިންޑިއާއަށް ފުރުޞަތު ބޮޑުވަމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ.

އެޗް.އެސް.ބީ.ސީ ގެ އެނަލިސްޓުންގެ އިސްވެރިޔާ ހެރަލްޑް ޑަރ ލިންޑެ ވިދާޅުވީ، "އަޅުގަނޑުމެންނަށް ފެންނަމުންދަނީ ވަރުގަދަ ކްރެޑިޓް ދުވެއްޔަކާއި، އާމްދަނީގެ ހަރުދަނާކަމުގެ އިތުރުން ވިޔަފާރިއާއި ފައިސާގެ އަގު ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް،" ކަމަށެވެ. އަދި އޭޝިއާގެ އެހެން ބާޒާރުތަކާ އަޅައިބަލާއިރު އިންޑިއާއަކީ އިންވެސްޓްމަންޓްތައް ބަހާލައިގެން ގެންގުޅުމަށާއި އޮށްޓަރު ހުރި ގޮތަކަށް މަސައްކަތްކުރުމަށް އެންެމެ އެކަށީގެންވާ އެއް މާކެޓު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ލިބެމުންދާ ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށްޓަކައި ކުންފުނިތަކުގެ އާމްދަނީ މެދުނުކެނޑި މައްޗަށް ދާންޖެހޭނެ ކަމަށް ސްޓޭޓް ސްޓްރީޓް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ސީނިއއާ ސްޓްރެޓީޖިސްޓް އެންޖެލާ ލަން ވިދާޅުވިއެވެ. ނިފްޓީ 50 އިންޑެކްސް މިހާރު ވިޔަފާރިކުރަމުންދަނީ ކުރިއަށް އޮތް 12 މަހުގެ އާމްދަނީގެ 19 ގުނައިގެ ރޭޓަކަމަށްވާއިރު، މިއީ އޭޝިއާއާއި އެހެނިހެން އިމަރޖިންގް މާކެޓްތަކާ އަޅައިބަލާއިރު ބޮޑު އަގެކެވެ.

ހިއްސާ ކުރައްވާ!