އައު ޕްރޮވިންސްތައް އުފެއްދުމުގެ މައްސަލައިގައިމައި ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތައް 

ޕާކިސްތާނުގައި އައު ޕްރޮވިންސްތައް އުފެއްދުމުގެ ބަހުސް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ވެރިކަންކުރާ ކޯލިޝަންގެ މައި ދެ ބައިވެރިން ކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީ.ޕީ.ޕީ) އާއި ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ގެ ޚިޔާލު ތަފާތުވުންތައް އާންމުވެ ސިޔާސީ މަސްރަހުގައި ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

މި މައްސަލައިގައި ޕީ.ޕީ.ޕީ ގެ ޗެއަރމަން ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ ބާރުގެ ބޭނުންކޮށްގެން ޕްރޮވިންސްތައް ބަހާލުމާ ދެކޮޅަށް ވަރުގަދައަށް ދެއްކޮޅު ހައްދަވާ ކަން އިއުލާން ކުރައްވާފައެވެ. އަދި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ލޭ އޮހޮރުވުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.

ބިލާވަލް ވަނީ ސިޔާސީ މަސްރަހު އަލުން ބައްޓަންކުރުމަށް ގޮވާލައްވައި، އިދިކޮޅު ޕާޓީތަކަށް، ޚާއްސަކޮށް ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީ.ޓީ.އައި) އަށް ލިބިފައިވާ ރައްޔިތުންގެ ވޯޓުގެ ޙައްޤު ޤަބޫލުކޮށް އެފަރާތްތަކަށްވެސް އިޙްތިރާމް ކުރުމަށް ސަރުކާރަށް ގޮވާލައްވފައެވެ.

އަނެއްކޮޅުން، ވެރިކަން ކުރާ މުސްލިމު ލީގު ނަވާޒް އަށް ނިސްބަތްވާ ސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ އައު ޕްރޮވިންސްތައް އުފެއްދުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. ޢާންމު އިންތިޚާބަށްފަހު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި މައްސަލަތައް ޙައްލުނުވެ އޮތް ނަމަވެސް، އައު ޕްރޮވިންސްތަކާ މެދު ޢާންމު ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަކީ އެންމެ އިންޞާފުވެރި ގޮތް ކަމަށް އެ ވަޒީރުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ކަރާޗީ ޕްރެސް ކްލަބުގައި އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ ތާރީޚުގައި ރެފެރެންޑަމްތައް ބާއްވާފައިވަނީ ޑިމޮކްރަސީއާ ޚިލާފު ޢަމަލުތަކަކަށް މަގުފަހިކުރުމަށެވެ. އަދި ޑިމޮކްރެޓިކް ކަމަކަށް އެފަދަ ވޯޓެއް ނަގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އައު ޕްރޮވިންސްތައް އުފެއްދުމުގެ މައްސަލަ މިއަދާ ހަމައަށްވެސް ބޮޑުވަޒީރު ނުވަތަ ކެބިނެޓުން އެއްވެސް ވަޒީރަކު ޕާކިސްތާނުގެ ރައީސާ ނުވަތަ ޚުދު އޭނާއާާ މަޝްވަރާކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ބިލާވަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކެބިނެޓްގެ މުހިންމު ބައެއް ވަޒީރުން، އޭގެ ތެރޭގައި ދާޚިލީ ވަޒީރާއި، ދިފާޢީ ވަޒީރު އަދި އިންފޮމޭޝަން ވަޒީރު ހިމެނޭހެން، މި މައްސަލައިގައި މީސް މީޑިއާ އަދި ޢާންމު ޕްލެޓްފޯމްތަކުގައި ވަރުގަދަ ބަޔާންތައް ދެއްވަމުން ގެންދަވާއިރު، މި ވާހަކަތައް ސިޔާސީ ލީޑަރޝިޕްގެ މެދުގައި މަޝްވަރާކުރުމުގެ ބަދަލުގައި މީޑިއާ މެދުވެރިކޮށް ބަހުސް ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑު ކިޔަމުންނެވެ.

ވަޒީރުން މި މައްސަލައިގައި ވާހަކަދައްކަވަމުން ގެންދަވާއިރު، ބޮޑުވަޒީރު ހިމޭނުން ހުންނެވުމާ މެދު ބިލާވަލް ވަނީ  ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ރައީސްވެސް މި މައްސަލައިގައި ވަކި އެއްޗެއް ވިދާޅުނުވެ ހުންނެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނަސް ގައުމު އިތުރު ސަރަހައްދުތަކަށް ބަހާލުމުގެ މި ބޮޑު ބަދަލަކީ އާދައިގެ ކަމެއް ނޫނެވެ.

އެއީ ހަމައެކަނި ޗާޓެއްގައި ރޮނގުތަކެއް ދަމާލުމުގެ ކަމަކަށް ނުވާއިރު، ޤައުމުގެ ދައުލަތުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއް އައު އޮނިގަނޑަކަށް ބަދަލުކުރަންޖެއެވެ.

ޕާކިސްތާނުގެ ޤާނޫނު އަސާސީގައި ޕްރޮވިންސްތަކުގެ ސަރަޙައްދު ބަދަލުކުރުމުގެ އުޞޫލު ކަނޑައަޅާފައިވާއިރު، އެކަމަށް ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެންނަން ޖެހެއެވެ. އަދި އެކަމަށް ޕްރޮވިންސްގެ އެސެމްބްލީތަކުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބެންޖެހެއެވެ.

ރެފެރެންޑަމްތަކާއި އިންޒާރުތަކުގެ ބަދަލުގައި، ސިޔާސީ ލީޑަރޝިޕުން މި މައްސަލަ ޕާލަމެންޓަށާއި ޕްރޮވިންޝަލް އެސެމްބްލީތަކަށް ގެންގޮސް، އެ ތަންތަނުގެ ތެރޭގައި ޚިޔާލު އެއްގޮތްކޮށް އިއްތިޙާދު އުފެއްދުމަކީ މައްސަލައަށް އޮތް އެންމެ އެކަށޭނަ މަގު ކަމަށް ބިލާވަލް ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!