ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން ދަތުރުފުޅުތަކުގައި ބޭނުންކުރެއްވި ރިޔާސީ މަތިންދާބޯޓުތަކުގެ "ބޮއިންގ 747″ މަރުކާގެ ދެ މަތިންދާބޯޓު ވިއްކުމަށް ޢިރާޤު އެއަރވޭޒްއިން އަލުން ހުޅުވާލައިފިއެވެ. ކޮންމެ މަތިންދާބޯޓެއްގެ އަގަކީ 900,000 އެމެރިކާ ޑޮލަރު ކަމަށް ކަނޑައަޅާފައި ވެއެވެ. މި ބޯޓުތައް ވިއްކުމަށް ނިންމާފައިވަނީ އާންމު ބީލަމުގެ ބަދަލުގައި ހުށަހަޅާ ފަރާތަކަށް ސީދާ ވިއްކާ އުޞޫލުންނެވެ.
ޢިރާޤު އެއަރވޭޒްއިން އާންމުކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، މި މަތިންދާބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ ޞައްދާމް ޙުސައިން ބޭނުންކުރެއްވި "ބީ747-އެސް.ޕީ" މަރުކާގެ ބޯޓެކެވެ. ދެވަނަ ބޯޓަކީ "ބޮއިންގ 747-200″ މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ ޢިރާޤު އެއަރވޭޒްގެ ފްލީޓުގައި ކުރިން ހިމެނުނު މަތިންދާބޯޓެކެވެ.
މި ދެ މަތިންދާބޯޓު ވިއްކުމަށް މިހާރު ކަނޑައަޅާފައިވާ 900,000 ޑޮލަރުގެ އަގަކީ، 2023 ވަނަ އަހަރު މި ބޯޓުތަކަށް ކަނޑައެޅި އަގާ އަޅާބަލާއިރު އިތުރު މިންވަރެކެވެ. 2023 ވަނަ އަހަރު ޢިރާޤު އެއަރވޭޒްއިން މި ބޯޓުތަކުގެ ތެރެއިން ކޮންމެ ބޯޓަކަށް ކަނޑައަޅާފައިވަނީ 494,000 ޑޮލަރެވެ.
މި ދެ މަތިންދާބޯޓު މިހާތަނަށް އޮތީ ޓިއުނީޝިއާގެ އެއަރޕޯޓެއްގައެވެ. އެތަނަށް ފޮނުވާފައި ވަނީ 35 އަހަރު ކުރިން، ދެވަނަ ގަލްފް ހަނގުރާމައާ ގުޅިގެންނެވެ. އޭގެ ފަހުން މި ބޯޓުތައް އަނބުރާ ގެންދިއުމުގައި ޢިރާޤަށް ދަތިތަކާ ކުރިމަތިވެ، މި ބޯޓުތައް ވަނީ އިރާގަށް ނުގެނެވިފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ބީލަމުގައި މި ބޯޓުތައް ވިއްކުމަށް ކުރި މަސައްކަތްތައް ކާމިޔާބު ނުވުމާ ގުޅިގެން، ޢިރާޤު އެއަރވޭޒްއިން މިހާރު ވަނީ ސީދާ އަގު ހުށަހަޅާ ފަރާތަކަށް ބޯޓުތައް ވިއްކުމަށް ނިންމާފައެވެ. މި ބޯޓުތައް ގަތުމުގެ ފުރުޞަތު އާންމު ފަރުދުންނަށްވެސް ވަނީ ހުޅުވާލާފައެވެ.






