ޕާކިސްތާނުގެ ވީއައިޕީންނަށް އުމުރުދުވަހަށް ރަސްމީ ޕާސްޕޯޓު ލިބޭގޮތަށް ޤާނޫނު ހަދައިފި

ޕާކިސްތާނުގެ ޕާލަމެންޓްގެ މަތިގެ ނުވަތަ ސެނެޓުން ދާދިފަހުން ފާސްކުރި ބިލަކާއެކު، ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގައި ކިތަންމެ ކުރު މުއްދަތަކަށް މެންބަރުކަން ކުރެއްވިއަސް އަދި، ދައުރު ފުރިހަމަ ނުކުރެއްވި ނަމަވެސް، އެ ބޭފުޅުންނާއި އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އުމުރުދުވަހަށް ރަސްމީ ނޫ ޕާސްޕޯޓު ގެންގުޅުމުގެ އިމްތިޔާޒު ލިބިދީފިއެވެ. މި ބަދަލު ގެނެސްފައިވަނީ ޕާކިސްތާނުގެ ޢާންމު ރައްޔިތުން ބޭނުންކުރާ ޕާސްޕޯޓަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބާރުދަށް ޕާސްޕޯޓަށްވެ، ޢާންމުންނަށް ބޭރު ޤައުމުތަކަށް ދަތުރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެކަމުނ މެމްބަރުން ސަލާމަތް ކޮށްްދޭށެވެ.

ޕާކިސްތާނުގައި ސިފައިންނާއި، ޖާސޫސީ އިދާރާތަކުގެ ވެރިންނާއި، ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުން ފަދަ ފަރާތްތަކުން ދައުލަތުގެ އިމްތިޔާޒުތައް ބޭނުންކުރާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ. މީގެ ކުރިން ވެސް ކުރީގެ މަޖިލިސް މެންބަރުންނަށް ރަސްމީ ޕާސްޕޯޓު ދީފައި ވެއެވެ. ނަމަވެސް، އައު ބިލުގައި ދައުރު ފުރިހަމަ ނުކުރާ މެންބަރުންނަށް ވެސް މި ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ކުރީގެ މެންބަރުންގެ އުމުރުން 28 އަހަރު ނުފުރޭ ދަރިންނަށް ވެސް ރަސްމީ ޕާސްޕޯޓު ދިނުމަށް ވަކި ބިލެއް ހުށަހެޅިއެވެ. ނަމަވެސް، ޢާންމުންގެ ފާޑުކިޔުމަކާ ހެދި އެ ބިލު ވަނީ އަނބުރާ ގެންގޮސްފައެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ރަސްމީ ދަތުރުތަކަށް ކޮންމެހެން ބޭނުންވަނީ ގާތްގަނޑަކަށް 25,000 ނޫ ޕާސްޕޯޓެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން މިހާތަނަށް 70,000 އެއްހާ ރަސްމީ ޕާސްޕޯޓު ދޫކޮށްފައި ވެއެވެ.

ދައުލަތުގެ ރަސްމީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މި ޕާސްޕޯޓު ނުހައްޤުން ގިނަ ބަޔަކަށް ދޫކުރަމުންދާ މައްސަލައި ގެނަސްދީފައިވާ ރިޕޯޓުތަކުގައ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރުގެ ކައިވެނިކޮށްގެން އުޅޭ ދެ ދަރިކަނބަލުންނަށް ވެސް އުޞޫލާ ޚިލާފަށް ރަސްމީ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. "ފެކްޓް ފޯކަސް" އިން 2025 ވަނަ އަހަރުގެ މާރިޗު މަހު  އެ ރިޕޯޓު ގެނަސްދީފައި ވެއެވެ.

ވެރިންނަށް މިފަދަ ލުއިފަސޭހަތައް ލިބެމުންދާއިރު، 2026 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ޕާކިސްތާނުގެ ޢާންމުން ބޭނުންކުރާ ޕާސްޕޯޓު އޮތީ ދުނިޔޭގެ އެންމެ ދަށުގައި ފަހަތުން ހަތަރުވަނައިގައެވެ.

ޕާކިސްތާނަށްވުރެ ދަށުގައި އޮތީ ހަނގުރާމައާއި ހަމަނުޖެހުންތަކުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އަފްޣާނިސްތާނާއި، ސީރިޔާ އަދި އިރާޤު އެކަންޏެވެ. ޔަމަނާއި އީރާނުގެ ޕާސްޕޯޓު ވެސް އޮތީ ޕާކިސްތާނަށްވުރެ ކުރީގައެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ ޢާންމު ރައްޔިތުންނަށް ވިސާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިވެރިންނާއި ދަރިވަރުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

2023 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި ބައިނަލްއަޤުވާމީ ޓެކްސްޓައިލް މައުރަޒުގައި ބައިވެރިވުމަށް ވިސާއަށް އެދުނު ޕާކިސްތާނުގެ ގިނަ ވިޔަފާރިވެރިންނަށް ވިސާ ނުލިބުމުގެ ސަބަބުން، އެ ޤައުމުގެ އެކްސްޕޯޓަރުންނަށް 5 ބިލިއަން ޑޮލަރުގެ އޯޑަރުތައް ގެއްލިގެންދިޔަ ކަމަށް އޯލް ޕާކިސްތާން ބެޑްޝީޓް އެންޑް އަޕްހޯލްސްޓްރީ މެނުފެކްޗަރާސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރު ގެލަޕް ޕާކިސްތާނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޔޫރަޕްގެ ޝެންގެން ސަރަޙައްދަށް ވިސާއަށް އެދުނު ޕާކިސްތާނު މީހުންގެ 52 އިންސައްތަ އެޕްލިކޭޝަން ވަނީ ބާޠިލުކޮށްފައެވެ. އަދި 2023 ވަނަ އަހަރު އިނގިރޭސިވިލާތުގެ ވިސާއަށް އެދި ރިޖެކްޓްވި އެޕްލިކޭޝަންތަކަށް ޕާކިސްތާނު ރައްޔިތުން 5.3 މިލިއަން ޕައުންޑް ޚަރަދުކޮށްފައިވެއެވެ.

ޢާންމު ރައްޔިތުންނަށް ވިސާގެ ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް، ސަރުކާރުން ދަނީ ނޫ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުންތައް އެކި ޤައުމުތަކާއެކު ޤާއިމުކުރަމުންނެވެ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ޝެންގެން ސަރަޙައްދުގެ 14 ޤައުމު ހިމެނޭހެން ޔޫރަޕްގެ 22 ޤައުމަކާއެކު ޖުމްލަ 55 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުޞަތު ނޫ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ލިބެއެވެ. އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަޢޫދީ ޢަރަބިއްޔާއާއެކު، އަދި އޮކްޓޫބަރު 14 ވަނަ ދުވަހު އޮމާނާއެކު ވެސް ޑިޕްލޮމެޓިކް އަދި ރަސްމީ ޕާސްޕޯޓުތަކަށް ވިސާ މާފުކޮށްދިނުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ޑޯން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސްޓޭޓް މިނިސްޓަރ ފޯ އިންޓީރިއާ ޠަލާލް ޗައުދަރީ ވިދާޅުވެފައިވަނީ، އެ ޤައުމުގައި ނޫ ޕާސްޕޯޓު ގެންގުޅޭ މީހުންގެ އަދަދު ގިނަވުމަކީ އެހެން ޤައުމުތަކާއެކު ވިސާ މާފުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.

ހިއްސާ ކުރައްވާ!