ޕާކިސްތާނުގެ މައިގަނޑު ހަތަރު ޕްރޮވިންސް ކަމަށްވާ ޕަންޖާބު، ސިންދު، ޚައިބަރު ޕަޚްތުންޚްވާ އަދި ބަލޮޗިސްތާނުގެ އިދާރީ ސަރަހައްދު އަލުން ކުރެހުމަށް ފީލްޑް މާޝަލް ޢާޞިމް މުނީރު ގެންގުޅުއްވާ ކަމަށް ބުނާ ރޭވުމާ ދެކޮޅަށް، ސިންދުގެ ޢާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ކަރާޗީގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ. ޖޭ ސިންދު ރަހްބަރު ކޮމިޓީ (ޖޭއެސްއާރުސީ) އިން އިންތިޒާމުކުރި މި މުޒާހަރާގައި ސިޔާސީ ލީޑަރުންނާއި، ސިޔާސީ އެކްޓިވިސްޓުންނާއި، ޤާނޫނީ ވަކީލުން އަދި މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މުޒާހަރާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ސިންދުގެ މިހާރު އޮތް އިންތަކަށް އެއްވެސް ބަދަލެއް ގެނައުމާ ދެކޮޅުކަން ތަކުރާރުކުރައްވާފައެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ސިންދުގެ ސަރަހައްދީ އަމާންކަމާއި އެއްބައިވަންތަކަމަކީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޕްރޮވިންސްގެ ޖިއޮގްރަފީ ނުވަތަ އިދާރީ ޔުނިޓުތަކާ ގުޅޭ ކޮންމެ ނިންމުމެއް ވެސް ނިންމަން ޖެހޭނީ އެތަނުގެ ރައްޔިތުންގެ ޚިޔާލާއި އެދުމާ އެއްގޮތަށެވެ.
ސިންދުގެ އައިޑެންޓިޓީ ބިނާވެފައިވަނީ އެ ސަރަހައްދުގެ ތާރީޚާއި، ސަޤާފަތާއި، ޙަޟާރަތުގެ މައްޗަށް ކަމަށާއި، އެއީ ހަމައެކަނި އިދާރީ ފަސޭހައަކަށްޓަކައި ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ. އަދި އާ ޕްރޮވިންސްތައް ނުވަތަ އިދާރީ ޔުނިޓުތައް އުފެއްދުމާ ގުޅޭގޮތުން ރިފަރެންޑަމްއެއް ބޭއްވުމުގެ ޚިޔާލާ ވެސް އެ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. ރިޕޯޓުތަކުން އެނގޭ ގޮތުގައި، ސަރުކާރާއި ސިފައިންގެ ފަރާތްތަކުން ކުރިން ނިންމާފައިވާ ނިންމުމަކަށް ޤާނޫނީ ސިފައެއް ގެނައުމަށް ރިފަރެންޑަމް ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން މުޒާހަރާގެ ލީޑަރުން ވަނީ ފާޅުކުރައްވާފައެވެ.
ޕާކިސްތާނުގެ ޕްރޮވިންސްތައް 12 ނުވަތަ 15 އިދާރީ ޔުނިޓަށް ބަހާލުމުގެ ވާހަކަތައް ސަރުކާރުގެ ބައެއް ވަޒީރުންގެ ފަރާތުން އިވިފައި ވެއެވެ. އެހެންވެ މި ރޭވުމާ ގުޅިގެން ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފައެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ޗެއަރމަން ބިލާވަލް ބުއްޓޫ ޒަރްދާރީ ވެސް ވަނީ ސިންދު ބާރުގެ ބޭނުންކޮށްގެން ބައިބައިކުރުމާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. ޤާނޫނުއަސާސީގެ އުސޫލުތަކާއި ރައްޔިތުންގެ ޚިޔާލާ ޚިލާފަށް އެފަދަ ބަދަލެއް ގެނައުމަކީ އިޖްތިމާޢީ ބައިބައިވުން އިތުރުވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ސިންދުގެ ޤައުމިއްޔަތުގެ ބައެއް ޖަމާޢަތްތަކުން ވަނީ ޕަންޖާބަށް އިޤްތިޞާދީ ހުރަސްތަކެއް ކުރިމަތިކުރުވާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ޤާނޫނުއަސާސީގެ ދަށުންނާއި ޤާނޫނީ އަދި ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިފަދަ ކޮންމެ ބަދަލަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ އިއުލާނުކޮށްފައެވެ.







