ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް ފަޟްލު (ޖޭޔޫއައި-އެފް) ގެ ވެރިޔާ މައުލާނާ ފަޟްލުއްރަޙްމާން، ލާހޯރުގައި ގޭ ބަންދުގައި ސަރުކާރުން ގެންގުޅުއްވާ ކަމަށް އަންގާރަ ދުވަހު ތުހުމަތު ކުރައްވައިފިއެވެ. އަދި އޭނާއަށް ގެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ފުލުހުން ގޭގެ ވަށައިގެން ބައިތިއްބާފައިވާ ކަމަށް އޭނާގެ ޕާޓީން ވެސް ބުނެފިއެވެ. ހޯމަ ދުވަހުގެ ރޭ ލާހޯރަށް ވަޑައިގެންނެވި ފަޟްލު، ލާހޯރު ހައިކޯޓު ބާ އެސޯސިއޭޝަންގެ ދަޢުވަތަކަށް މިއަދު ބާއްވާ ސެމިނާރެއްގައި ޤާނޫނީ ވަކީލުންނާ މުޚާޠަބުކުރައްވަން ހަމަޖެހިފައި އޮތް ނަމަވެސް، ފުލުހުން އޭނާގެ ގޭގެ ވަށައިގެން ބޭތިއްބުމާ ގުޅިގެން ގެއިން ނުކުމެވަޑައިގަތުމަށް ހުރަސް އެޅިފައިވާ ކަމަށް ޖޭޔޫއައި އެފް އިން ބުނެއެވެ.
ޖޭޔޫއައި އެފް ގެ ތަރުޖަމާނު ޙާފިޡު ޣަޟަންފަރު ޢަޒީޒު ވިދާޅުވީ، ފުލުހުން ބައިތިއްބައިގެން ޕާޓީގެ ވެރިޔާގެ ގޭގައި ބަންދުކޮށްފައިވާ ކަމަށާއި، ސަރުކާރުގެ މި ޢަމަލަކީ މަދަނީ މިނިވަންކަމާއި ޤާނޫނީ ޙައްޤުތަކަށް ދިން ހަމަލާއެއް ކަމަށް ބުނެ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
ވީޑިއޯ މެސެޖެއްގައި ފަޟްލު ވިދާޅުވީ، "ދައުލަތުގެ ހިސާރަ ކުރުމެއްގެ" ދަށުގައި ހުންނެވި ކަމަށާއި، ލާހޯރުގެ އެކި ސަރަހައްދުތަކުގައި ޖަހާފައިވާ މަގު ބަންދުކުރުންތަކާއި ޗެކްޕޮއިންޓްތަކުގެ ސަބަބުން، ލާހޯރު ހައިކޯޓު ބާ އެސޯސިއޭޝަނުން އިންތިޒާމުކުރާ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސެމިނާރަށް ވަޑައިގަތުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އެ ވީޑިއޯގައި ސެމިނާރަށް ވާހަކަދެއްކުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ބާ އެސޯސިއޭޝަނާއި، އެތަނުގެ ރައީސަށާއި މެންބަރުންނަށް ފަޟްލު ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް "ދައުލަތުން އަޅާފައިވާ ހުރަސްތަކުގެ" ސަބަބުން އަމިއްލަފުޅަށް ވަޑައިގެންނެވެން ނެތުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަރްގޯދާގައި ނޮވެމްބަރު 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ޢާންމު އެއްވުމަށް އިޝާރާތްކުރައްވައި ފަޟްލު ވިދާޅުވީ، އެ އެއްވުމަށް މީހުން އެއްކުރުމަށް ހުރަސް އެޅުމަށް އެ ސިޓީގެ އެކި ހިސާބުތަކުގައި ޖޭޔޫއައި-އެފް ގެ މަސައްކަތްތެރިންނަށް ދައުލަތުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޤަބީލާ ސަރަހައްދުތަކުގެ މަޢުދަނީ ވަސީލަތްތަކާ ގުޅޭ ކަންކަމުގައި ދައުލަތުގެ ދައުރު ޕާޓީން ހާމަކުރުމާ ގުޅިގެން، ޖޭޔޫއައި އެފް އާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ވެސް ފަޟްލު ތުހުމަތު ކުރެއްވިއެވެ. ޚައިބަރު ޕަޚްތުންޚްވާ، ބަލޮޗިސްތާން، ސިންދު އަދި ޕަންޖާބުގެ އިތުރުން ގްވާދަރު ހިމެނޭހެން ހުރިހާ ޕްރޮވިންސްތަކެއްގެ ރައްޔިތުންގެ ޙައްޤުތަކަށްޓަކައި ޕާޓީން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، އެތަންތާނގެ ގުދުރަތީ ވަސީލަތްތަކަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި، ފެޑެރޭޝަންގެ ނުވަތަ ވަކި ބާރުގަދަ މުއައްސަސާއެއްގެ މިލްކެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފަޟްލުގެ ގެއިން ބޭރަށް ނުނުކުމެވޭ ގޮތަށް ގާތްގަނޑަކަށް 3,000 ފުލުހުން ވަނީ ބައިތިއްބާފައެވެ. އަދި ފުލުހުން ބެލުމުގެ ދަށުގައި ނުވަތަ ބަންދުގައި ފަޟްލު ބެހެއްޓުމަށް އަމުރުކުރާ ޤާނޫނީ އަމުރުގެ ކޮޕީއެއް ހޯދުމަށް އެދުނު ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެ ލިޔުން ދީފައިނުވާ ކަމަށާއި، ފަޟްލުއާ ބައްދަލުކުރުމުގެ ހުއްދަ ވެސް ފުލުހުން ދީފައިނުވާ ކަމަށް އޭނާގެ ޕާޓީން ތުހުމަތު ކުރެއެވެ.







