ޣައްޒާގައި ޔަހޫދީން ޝަހީދު ކޮށްލި ނޫސްވެރިޔާ މަރިޔަމް ދައްގާ އަށް އެވޯޑެއް ލިބިއްޖެ

މިދިޔަ އަހަރު ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދު ކޮށްލި ފަލަސްޠީނުގެ ރިޕޯޓަރު މަރިޔަމް ދައްގާ އަށް، ފްރީލާންސް ވީޑިއޯ ނޫސްވެރިންނަށް ދޭ ޝަރަފުވެރި ރޯރީ ޕެކް އެވޯޑު ދޭން ނިންމައިފިއެވެ. އޭނާއާއެކު ފަލަސްޠީނުގެ އެހެން ދެ ނޫސްވެރިއަކުވެސް މި އެވޯޑު ހިއްސާ ކުރާނެ އެވެ. އެއީ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ޢަބްދުލް ކަރީމް ހަނާ އަދި ޖިހާދު އަލްޝްރަފީ އެވެ.

މި ތިން ނޫސްވެރިން ވަނީ ޣައްޒާގައި ޔަހޫދީން އަހަރުތަކެއް ވަންދެން ހިންގި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދީފައެވެ. އެގޮތުން، އިންސާނީ އަދި ގެދޮރު ހަލާކު ކޮށްލުމުގެ ވޭންދެނިވި ކާރިސާއަކަށް މަގުފަހިކުރުވި، އިސްރާއީލުގެ މެދުކެނޑުމެއް ނެތް ވައިގެ ހަމަލާތަކާއި އެހީގެ ޙިޞާރުގެ އަސަރުތައް އެ މީހުން ވަނީ ކެމެރާ ކޮށް ވީޑިއީޯ ކޯށްފައެވެ. އެމީހުންގެ އަމިއްލަ ދިރިއުޅުމަށް އެ ކާރިސާގެ އަސަރުތައް ކުރަމުންދިޔަ އިރުވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ވާހަކަތައް ގެނެސްދިނުމަށް އެ މީހުން އަހަރުތަކެއް ވަންދެން ފުރާނައަށް ނުރައްކާކޮށް މަސައްކަތް ކުރިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔަހޫދީން ފެށި ޖެނޮސައިޑް ހަނގުރާމައިގައި އޭޕީއާއެކު މަސައްކަތް ކުރަމުންދިޔަ މި މިނިވަން ފޮޓޯގްރާފަރު އަދި ރިޕޯޓަރު ދައްގާ ޝަހީދު ކުރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ދެކުނު ޣައްޒާގެ ހޮސްޕިޓަލަކަށް ޔަހޫދީ ޖެނޮސައިޑް ސިފައިން ދިން ވައިގެ ހަމަލާއެއްގައެވެ. އޭނާގެ އުމުރަކީ އޭރު 33 އަހަރުގައެވެ. އެ ހަމަލާގައި އިތުރު ހަތަރު ނޫސްވެރިން ވެސް ޝަހީދު ކޮށްފައި ވެއެވެ. ދައްގާ ޝަހީދުކޮށްލި ހަމަލާއާ ގުޅިގެން އެއްވެސް ޔަހޫދީއަކު ޒިންމާ ކުރުވާފައެއް ނުވެއެވެ.

މި އެވޯޑު ޙަފްލާ ހުށަހަޅައިދެއްވި އިނގިރޭސިވިލާތުގެ އައިޓީވީ ނިއުސްގެ ޖޫލީ އެޗިންގްހަމް ވިދާޅުވީ، މި ނޫސްވެރިންގެ ފޮޓޯތަކަކީ "ވަރަށް ބޮޑު އަގަކާއެކު ނަގާފައިވާ އެންމެ ޚާއްސަ ފޮޓޯތައް" ކަމަށެވެ. "މި ހަނގުރާމައިގަ އާއި އެހެނިހެން ހަނގުރާމަތަކުގައި ޝަހީދުވި މަރިޔަމް އާއި ހުރިހާ ނޫސްވެރިންނަށް އަޅުގަނޑުމެން ޝުކުރު އަދާކޮށް އިހުތިރާމް އަދާކުރަން އަދި އެ މީހުންގެ މަރުގެ ޙަޤީޤަތް ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާނަން،" އެޗިންގްހަމް ވިދާޅުވިއެވެ.

އެ މީހުންގެ ފަރާތުން އެވޯޑާ ޙަވާލުވީ މި ތިން ނޫސްވެރިންނާއެކު މަސައްކަތް ކުރި އަދި 2024 ވަނަ އަހަރު ޢާއިލާއާއެކު ޣައްޒާ ދޫކޮށް ދިޔަ އޭޕީގެ ފޮޓޯޖާނަލިސްޓް ފާޠިމާ ޝްބައިރު، އެވެ.

"އެ ފޮޓޯތަކުގެ ފަހަތުގައި އޮތީ އަޅުގަނޑުމެން އުޅެމުންދާ ޙަޤީޤަތް،" އެވޯޑާ ޙަވާލު ވުމަށްފަހު ދެއްކި ކުރު ވާހަކައިގައި ޝްބައިރު ބުންޏެވެ. "އެ މީހުންނާއެކު އެއް މައިދާނެއްގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން، ބަނޑަށް ހުރެ ބަނޑުހައިހޫނުކަމާއެކު މަސައްކަތް ކުރުމާއި، އަމިއްލަ ޢާއިލާއަށް ދާނެ ރައްކާތެރި ތަނެއް ނެތް އިރު ގެދޮރު ދޫކޮށް ފިލައިގެންދާ ޢާއިލާތަކުގެ ފަހަތުން ދިއުމާއި، ލޯބިވާ މީހުންނާމެދު ބިރުގަންނަ ޙާލަތުގައި މަސައްކަތް ކުރަމުން ގެންދިއުމަކީ ކިހާ އުނދަގޫ ކަމެއްކަން އަޅުގަނޑަށް އެނގޭ." އޭނާ ކިޔައި ދިނެވެ.

ދައްގާ އަކީ "ވަރަށް ގާތް ރަޙްމަތްތެރިއެއް" ޝްބައިރު  ބުންޏެވެ. އަދި އޭނާއަކީ ފިރިހެން ދަރިއަކު މިދުނިޔެއަށް ދޫކޮށް ޝަހީދުވި މަންމައެއް ކަމަށްވެސް ސިފަ ކުރިއެވެ.

"އަޅުގަނޑުމެން ނަގާ ފޮޓޯތައް އެއްވެސް މީހަކާ ހަމައަށް ފޯރާބާއޭ ނުވަތަ އެއިން ބަދަލެއް އާދޭބާއޭ އޭނާ އެއް ދުވަހަކު ސުވާލު ކުރި. މިރޭ އޭނާއަށް އެ ޖަވާބު ލިބިއްޖެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" ޝްބައިރު ބުންޏެވެ.

ހިއްސާ ކުރައްވާ!