އަލްކެމީ ކޮންސަލްޓިންގއިން ޕަބްލިކް ސްޕީކިންގ ވޯކްޝޮޕެއް ބާއްވަނީ

ލީޑަރޝިޕްގެ ޤާބިލުކަމާއި އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރު އިތުރުކުރުމަށް ބޭނުންވާ ފަންނީ މީހުންނަށް ޚާއްސަކޮށްގެން، އެއް ދުވަހުގެ މުވާސަލާތާއި ޕަބްލިކް ސްޕީކިންގ ވޯކްޝޮޕެއް ބޭއްވުމަށް އަލްކެމީ ތައްޔާރު ވެއްޖެއެވެ.

"ދަ ލީޑާސް ވޮއިސް: ސްޕީކް ވިތް ކްލެރިޓީ، ކޮންފިޑެންސް އެންޑް އިމްޕެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހޮނިހިރު ދުވަހު، 28 ނޮވެމްބަރު 2026 ގައެވެ. މި ވޯކްޝޮޕް ހިންގަވައިދެއްވާނީ ލީޑަރޝިޕް އަދި އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ކޯޗެއް ކަމަށްވާ އާދަމް ނަޞީރު ޙުސައިން އެވެ.

މި ވޯކްޝޮޕް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި، 6 ގަޑިއިރަށް ދެމިގެންދާ މި ވޯކްޝޮޕް ފަރުމާކޮށްފައިވަނީ ބައިވެރިން މުވާސަލާތުކުރާ ގޮތް އިތުރަށް ހަރުދަނާކޮށް، އަޑުއަހާ މީހުންނާ ގުޅޭ ފަދަ ގޮތަކަށް ޕްރެޒެންޓޭޝަންތައް ތަރުތީބުކުރުމަށާއި، އާންމުންގެ ކުރިމަތީގައި ވާހަކަދައްކާއިރު އިތުބާރު ހިފޭ ގޮތަށް ވާހަކަދައްކަން އެހީތެރިވުމުގެ މަޤުޞަދުގައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ވާހަކަދެއްކުން ތަރުތީބުކުރާނެ ގޮތްތަކާއި، އިތުބާރާއި ޤާބިލުކަމާއެކު މެސެޖުތައް ފޯރުކޮށްދިނުމާއި، އަޑުއަހާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ އިތުރުން، ވާހަކަދެއްކުމުގައި ކުރިމަތިވާ ހާސްކަން ކުޑަކުރާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެއެވެ. އަދި ލައިވް ޕްރެކްޓިސް ސެޝަންތަކުގެ ތެރެއިން ލިބޭ ފީޑްބެކް ބޭނުންކޮށްގެން ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތު ވެސް މި ވޯކްޝޮޕްގައި ހިމެނެއެވެ.

އަލްކެމީ ކޮންސަލްޓިންގއިން ބުނާ ގޮތުގައި، މި ވޯކްޝޮޕްގައި ޢަމަލީ ތަޖުރިބާ ގެ ތަމްރީނުތަކާއި، ވަގުތުން ދޭ ފީޑްބެކްގެ އިތުރުން، ޙަޤީޤީ ޙާލަތްތަކުގައި މި އުސޫލުތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ޢަމަލީ ފުރުޞަތުތައް ބައިވެރިންނަށް ހުށަހަޅާނެއެވެ. ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ބައިވެރިވިކަމުގެ ސެޓްފިކެޓެއް ވެސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި، ބައިވެރިއެއްގެ އަތުން 2,500 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!