ޣައްޒާގެ ފަލަސްޠީނު ރައްޔިތުންގެ މެދުގައި ވިހެއުން ހުއްޓުވައި، އަންހެނުންގެ ދަރިމައި ވުމުގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ދޭ ޔަހޫދީ ނަސްލު ނައްތާލުމުގެ އަމަލުތައް ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ގޮވާލައިފިއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން މިކަމާ ގުޅޭ ތަޙުޤީޤެއް ހިންގައި ދިނުމަށް އެދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލި ގޮވާލުން އައިސްފައި ވަނީ އެޖަމުއިއްޔާއިން އާންމު ކުރި އައު ރިޕޯޓެއްގައެވެ.
އެމްނެސްޓީގެ ރިޕޯޓުގައި، 2023 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ އަސަރު އަންހެނުންނާއި އަންހެން ކުދިންގެ ދިރިއުޅުމަށް ކޮށްފައިވާ މިންވަރު ވަނީ ދިރާސާކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ ކުރިން ނެރެފައިވާ ނިންމުންތައް އިތުރަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ޣައްޒާގެ އަންހެނުން ވިހެއުން ހުއްޓުވުމަށް އިސްރާއީލުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
ޖެނޮސައިޑް ކޮންވެންޝަންގެ މާއްދާ II (ދ) ގެ ދަށުން ނަސްލު ނައްތާލުމަށް ބޭނުންވާ ނިޔަތެއް އޮވެގެން އެފަދަ ފިޔަވަޅުތައް އަޅާފައިވާނަމަ، އެއީ ނަސްލު ނައްތާލުމުގެ ޢަމަލަކަށް ވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްނެސްޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ އެތައް ހާސް އަންހެނުންނާއި އަންހެން ކުދިންނެއް ޝަހީދުކޮށްލާފައެވެ.
އަދި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެއްބަސްވުމުގެ ކުރިން، އެވްރެޖުކޮށް ޔަހޫދީން ދުވާލަކު 30 މީހުން މަރުވަމުން ދިޔައިރު، އޭގެ ތެރެއިން ގިނަ މީހުން މަރާލާފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ޤާނޫނާ ޚިލާފު ހަމަލާތަކުގައެވެ.
މީގެ އިތުރުން، ޤާނޫނާ ޚިލާފަށް އަޅާފައިވާ ޙިޞާރުގެ ސަބަބުން ވެސް އިތުރު އަންހެނުންނާއި އަންހެން ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި، ގިނަ އަންހެނުންނާއި އަންހެން ކުދިންނަށް ވަނީ ކޮންމެ ދުވަހަކު ދިރިހުރުމަށްޓަކައި ވޭންދެނިވި ކަންތައްތަކެއް ތަހައްމަލު ކުރަން ޖެހިފައެވެ. ޞިއްޙީ ޚިދުމަތްތަކާއި، ދަރި މައިވުމާއި އުފަންވުމުގެ ޞިއްޙަތާ ގުޅޭ ޚިދުމަތްތައް ފަދަ އަސާސީ ޚިދުމަތްތަކުން އެ މީހުން މަޙްރޫމްކޮށްފައިވާއިރު، ޖިންސީ ތަފާތުކުރުމާއި އަނިޔާގެ ނުރައްކާ އެ މީހުންނަށް ވަނީ އިތުރަށް ކުރިމަތިލާން ޖެހިފައެވެ.
އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން ދަރިން ހޯދަން ވަގުތު ކަނޑައެޅުމާއި، ބަލިވެ އިނުމާއި، މާބަނޑު ދުވަސްތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ވިހެއުމަށް ފަލަސްޠީނު މީހުންނަށް އޮތް ފުރުސަތު ޔަހޫދީން ވަނީ ނިގުޅައިގެންފައެވެ.
ހަނގުރާމައިގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް މި ގެއްލުންތައް ތަކުރާރުކޮށް ލިބެމުންދާއިރު، އަންހެނުންނާއި ޅަދަރިންގެ ނަފްސާނީ އަދި ޖިސްމާނީ ޞިއްޙަތަށް ގެއްލުން ލިބެމުންދާ ކަމަށް ވެސް އެމްނެސްޓީގެ ރިޕޯޓުގައި ބުނެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްނެސްޓީ އިންޓަނޭޝަނަލް އިން ނިންމާފައިވަނީ، ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ނައްތާލުމުގެ ނިޔަތުގައި، ޖެނޮސައިޑް ކޮންވެންޝަންގެ މާއްދާ II ގެ (ހ) ، (ށ) އަދި (ނ) ގެ ދަށުން މަނާކޮށްފައިވާ ޢަމަލުތައް އިސްރާއީލުން ހިންގާފައިވާ ކަމަށެވެ.
އެހެންނަމަވެސް، ޖެނޮސައިޑް ކޮންވެންޝަންގެ މާއްދާ II (ރ) ގެ ދަށުން ލާޒިމުކުރާ ފަދައިން، ވިހެއުން ހުއްޓުވުމުގެ ޚާއްސަ ނިޔަތުގައި އެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ނިންމޭނެ ޙާލަތެއްގައި އެ ޖަމްޢިއްޔާއަށް ނެތް ކަމަށް އެމްނެސްޓީން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން 2026 ވަނަ އަހަރުގެ އޮކްޓޫބަރު 1 އާ ދެމެދު އެމްނެސްޓީން ވަނީ 228 ފަރާތަކާ އިންޓަރވިއުކޮށްފައެވެ. އެ އިންޓަވިއުތަކަށް ބިނާކޮށް، ނަސްލު ނައްތާލުމާއި ދަރިމައިވުމަށާއި ވިހެއުން ހުއްޓުވުމަށް ޔަހުދީން އަމަލުކޮށްފައިވާ ޢާންމު އުސޫލާއި އެކަން ކުރާ ގޮތުގެ މައްޗަށް އެ ރިޕޯޓުގައި ވަނީ އަލިއަޅުވާލާފައެވެ.







