ސަން ސިޔާމް މީޑިއާއިން އަލަށް އިންތިޒާމުކުރާ "ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ފުޓްސަލް ކަޕް" ގެ ރަސްމީ ޖާޒީ ޕާޓްނަރަކަށް އައިލެންޑް އެޕަރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މުބާރާތުގައި ވާދަކުރާ 10 ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޖާޒީއާއި، މުބާރާތް ކުޅޭ ސްޓޭޑިއަމްގައި ބޭނުންކުރާ ދިދަތަކާއި އެހެނިހެން ޕްރިންޓިންގ މަސައްކަތްތައް ހަމަޖައްސައިދޭނީ އައިލެންޑް އެޕަރަލްއިންނެވެ.
މިއަދު އެސްއެސް މީޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ސޭލްސް މެނޭޖަރު ޢަބްދުالله ފައިސަލެވެ. އަދި އައިލެންޑް އެޕަރަލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު ޢަލީ މުޝްހަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާޒީ އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އައިލެންޑް އެޕަރަލްއާއެކު މި ޕާޓްނަޝިޕް ޤާއިމުކުރެވުނީތީ އުފާކުރައްވާ ކަމަށެވެ. މީޑިއާ އިދާރާތަކަކީ ޢާންމުކޮށް ކުޑަ ބަޖެޓަކުން ހިންގާ ތަންތަން ކަމަށް ވާތީ، މުބާރާތުގެ ފަރާތުން ހުރިހާ ޓީމުތަކަށް ޖާޒީ ފޯރުކޮށްދިނުމަކީ ޓީމުތަކުގެ ޚަރަދު ކުޑަވެ، ބައިވެރިވުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި އެއްބަސްވުމުގެ ދަށުން ބައިވެރިވި ދިހަ ޓީމަށް ހުރިހާ ކުޅުންތެރިންގެ ޖާޒީ ހަމަޖައްސާނީ އައިލެންޑް އެޕަރަލް އިން. ދެން މުބާރާތް ކުޅޭ ސްޓޭޑިއަމްގެ ދިދަތަކާ އެފަދަ ހުރިހާ އެއްޗެއް ޕްރިންޓްކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު މި ސޮއިކުރެވުނީ. އަޅުގަނޑު ވަރަށް އުފާކުރަން އައިލެންޑް އެޕެރަލް ކަހަލަ ބޮޑު ކުންފުންޏަކާ އެއްކޮށް މި އެއްބަސްވުމުގައި ސޮއިކުރެވުނީމަ. މިއީ މުބާރާތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ފައިސަލް ވިދާޅުވިއެވެ.
މި ޕާޓްނަޝިޕާ ގުޅޭގޮތުން މުޝްހަދު ވިދާޅުވީ، މި މުބާރާތުގެ ޖާޒީ ޕާޓްނަރެއްގެ ގޮތުގައި ގުޅުމުގެ މައިގަނޑު މަޤުޞަދަކީ މީޑިއާ މެދުވެރިކޮށް އެ ކުންފުނީގެ ޚިދުމަތްތަކަށް އިތުރު އެކްސްޕޯޝަރ ހޯދުމާއި، ރާއްޖޭގައި އެ ކުންފުނިން މަސައްކަތް ކުރަމުންދާ ފުޅާމިނާއި މާކެޓުގައި ހުރި ޤާބިލުކަން ޢާންމުންނަށް ދައްކާލުން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ޕާޓްނަރުންނާ އެއްކޮށް މި ގޮތަށް އެބަ މަސައްކަތް ކުރަމު. ބޭނުން ވަނީ އައިލެންޑް އެޕަރެލް އަކީ ރާއްޖޭގައި މިކަން ކުރާ ބައެއްކަން ހުރިހާ ފަރާތްތަކަށްވެސް އެނގިގެންދިއުން،" މުޝްހަދު ވިދާޅުވިއެވެ.
މި މުބާރާތުގައި ކުރިން ބައިވެރިވުމަށް ހަމަޖައްސާފައި އޮތީ އަށް ޓީމަށެވެ. ނަމަވެސް އިތުރު މީޑިއާ އިދާރާތަކުން ވާދަކުރުމަށް އެދެމުންދާތީ، ޖާގަ ވަނީ 10 ޓީމަށް އިތުރުކޮށްފައެވެ. ވާދަކުރާ 10 ޓީމަކީ ޕީއެސްއެމް، ގާފު މީޑިއާ ގްރޫޕް، އައިސް ނެޓްވޯކް، އެމްއެމްޓީވީ، އެސްއެސްޓީވީ، ވީޓީވީ، މެންދުރު ޓީވީ، ޗެނަލް 13، އަދަދު އަދި މިހާރުއެވެ.
މި މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި މެއިން ސްޕޮންސަރުންގެ ގޮތުގައި އެސްއެމްއީ ޑިޖިޓަލް އާއި ދަ ވެންލިން ގްރޫޕް ހިމެނޭ އިރު، ސަޕޯޓިންގ ސްޕޮންސަރަކީ ދަ ހޯކްސްއެވެ. އޮފިޝަލް ބޯލް ޕާޓްނަރަކަށް މާކީ އެމްވީ ހަމަޖައްސާފައިވާ އިރު، ބެވަރޭޖް ޕާޓްނަރަކީ ރެޑް ބުލްއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 އިން 23 އަށް މާލޭގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް "ކްލަބް މޯލްޑިވްސް ކިންގްސް ކަޕް 2027″ އިން ސީދާ ޖާގައެއް ލިބޭނެއެވެ. ފޕޓޯ: ސަން މީޑިއާ






