މުޙައްމަދު ބިން ސަލްމާނުގެ ޝައުޤުވެރިކަން ފަލަސްޠީނަކަށެއް ނެތް: ދި އެޓްލާންޓިކް

ސަޢޫދީ ވަލީ ޢަހުދު، ފަލަސްޠީނުގެ މައްސަލައަށް ޝައުޤުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ވާހަކަ ދެއްކެވިކަމަށް އެމެރިކާގެ ދި އެޓްލާންޓިކުން ރިޕޯޓް ކޮށްފިއެވެ. ދި އެޓްލާންޓިކުން ބުނެފައި ވަނީ އަލްޢުލާގައި އެމެރިކާގެ ޚާރިޒީ ވަޒީރު އެންތޮނީ ބްލިންކެންއާއެކު އޮތް ބައްދަލު ވުމެއްގައި މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަށް އޭނާގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. އަދި ފަލަސްޠީނު މައްސަލައަކީ ސަޢޫދީ ރައްޔިތުންނަށްވެސް މުހިންމު މައްސަލައެއް ނޫން ކަމަށެވެ.

ޖެނުއަރީ މަހު ސަޢޫދީ ވަލީ ޢަހުދު ވިދާޅުވި ބަސްފުޅުތަކާ ބެހޭ ގޮތުން ދުނިޔޭގެ މީޑިއާގައި އަދިވެސް ދަނީ ޚަބަރުތައް ޝާއިއުކުރަމުންނެވެ.

ސަޢޫދީ ވަލީ ޢަހުދު ވިދާޅުވީ، ސައޫދީ ޢަރަބިއްޔާގެ އާބާދީގެ 70 އިންސައްތައަކީ ޢުމުރުން އޭނާއަށް ވުރެން ހަގު ޒުވާނުން ކަމަށެވެ. އަދި ފަލަސްޠީނާ ބެހޭ ގޮތުން އެމީހުން މަޢުލޫމާތު ހޯދަމުން ދަނީ ފުރަތަމަ ފަހަރަށް ކަމަށާއި އެމަޢުލޫމާތު ލިބެނީ ޣައްޒާގެ ހަނގުރާމައިން ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާއިން ވަނީ، ޒަޔަނިސްޓް ދައުލަތާއެކު ގުޅުން ބަދަހި ކުރުމަށް ސިއްރު މަޝްވަރާތަކެއް ކުރިއަސް ގެންގޮސްފައެވެ. ނަމަވެސް ހަމާސް ލީޑަރު ޔަޙުޔާ ސިންވާރު، 7 އޮކްޓޯބަރުގައި ޒަޔަނިސްޓުންނަށް އަމާޒުކޮށް ދިން މިނިވަންކަމުގެ ހަމަލާތަކުގެ ސަބަބުން ސަޢޫދީ ސަރުކާރަށް އެ މަޝްވަރާތައް މަޑު ޖައްސާލަން މަޖުބޫރުވީއެވެ.

އަލްޢުލާގައި ބްލިންކެންއާއެކު އޮތް މަޝްވަރާތަކުގައި ޔަހޫދީންނާ ގުޅުން އުފައްދަވާނަންތޯ ސުއާލު ދެންނެވުމުން ބިން ސަލްމާން ވިދާޅުވެފައި ވަނީ "ފުރަތަމަ ޣައްޒާ ހިމޭން ވުން" ކަމަށް ދި އެޓްލާންޓިކުން ރިޕޯޓް ކޮށްފައި ވެއެވެ.

އަލްޢުލާއަކީ ޢާދް ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުން ދިރިއުޅު ސަހަރެވެ. ސަޢޫދީން ވަނީ ސަޢުދީ ރަސްކަމުގެ މުނިފޫހިފިލުވުމުގެ މަރުކަޒަކަށް އެސަހަރު ބަދަލުކޮށްފައެވެ.

ޣައްޒާއަށް ހަމަލަތައް ދިނުމަށް ސަޢޫދީން ސަޕޯޓްކުރާނެތޯ ސުއާލު ކުރުމުން، ބިން ސަލްމާން ވިދާޅުވީ، ހައެއްކަ މަސް ނޫނީ އަހަރު ދުވަސްވަންދެން ހަމަލަ ދިނުމުން ފަރުވާލެއް ނެތް ކަމަށެވެ. ނަމަވެސް އެއަށްވުރެން ދިގު ދަންމައިގެން ނުވާނެ ކަމަށް އެޓްލާންޓިކްގެ ރިޕޯޓްގައި ވެއެވެ.

ސަޢޫދީ މަސްއޫލުވެރިންނަށް މީޑިއާއިން ސުއާލު ދެންނެވުމުން އެބޭފުޅުން ވިދާޅުވަނީ އެޓްލާންޓިކުން ރިޕޯޓްކޮށްފައި ވަނީ ހަޤީޤަތް އޮޅޭ ގޮތަށް ކަމަށެވެ. ނަމަވެސް އެނޫހުގައި ރިޕޯޓްކޮށްފައި ހުރި ވާހަކަތަކެއް އެބޭފުޅުން ދޮގެއް ނުކުރައްވައެވެ.

ހިއްސާ ކުރައްވާ!