ބީއެމްއެލްގެ ތިން ބްރާންޗެއް އިސްލާމިކް ބޭންކިންގ ޚިދުމަތަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ތިން ބްރާންޗެއް ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަށް ބަދަލުކޮށްފިއެވެ. މިގޮތުން ބަދަލުކުރެވުނު ބްރާންޗްތަކަކީ ބ. އޭދަފުށި، އދ. މަހިބަދޫ އަދި ލ. ގަމު ބްރާންޗެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ފެށިތާ 10 އަހަރު ފުރުމާ ގުޅިގެން މި ބަދަލު ގެނެސްފައިވާއިރު، މީގެ ފަހުން މި ބްރާންޗްތަކުން ޚިދުމަތް ދެމުންދާނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން." އަދި އިތުރަށް ވިދާޅުވި ގޮތުގައި މި ބޭންކަކީ ރާއްޖެއަށް އިސްލާމިކް އޯވަރޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން އަދި އިސްލާމިކް ޑެބިޓް ކާޑު ތަޢާރަފުކުރި ބޭންކެވެ.

ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ދެމުން އަންނަނީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކުރެވިފައިވާ ޕްރޮޑަކްޓްތަކާއެކު، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅިން ވަކިކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މިއީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލަޔަންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކެވެ.

ބީއެމްއެލްއަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމުކޮށްފައިވާ ބޭންކެއްގެ ގޮތުން، 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ބޭންކެކެވެ.

ހިއްސާ ކުރައްވާ!