ކޯވިޑް-19 އާއި އޭގެ ފަހުން އުފެދުނު ސިޔާސީ ދެބަސްވުމަށްފަހު ގާތްގަނޑަކަށް ފަސް އަހަރު ފަހުން އިންޑިއާއާއި ޗައިނާއިން ސީދާ ދަތުރުތައް ފެށުމަށް އެއްބަސްވެއްޖެ އެވެ.
އިއްޔެ މިވާހަކަ މި އިއުލާން ކޮށްފައިވަނީ އިންޑިއާގެ ޚާރިޖީ ވުޒާރާއިން، އިންޑިއާގެ ފޮރިން ސެކްރެޓެރީ ވިކްރަމް މިސްރީ ބެއިޖިންގައި ބައްދަލުންތަކެއް ބޭއްވި ފަހުންނެވެ.
މިއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމުގެ ވަޅޯ ގުޅުންތައް ރަނގަޅުވާން ފަށާފައިވާ ކަމުގެ އެންމެ ފަހުގެ އަލާމާތްތަކެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ޗައިނާގެ ވެރިރަށް ކުރެއްވި ދަތުރުފުޅަކީ 2020 ވަނަ އަހަރު ދެ ގައުމުގެ ބޯޑަރުގައި ސިފައިންގެ މެދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގެ ސަބަބުން ގުޅުންތައް ފިނިވުމަށްފަހު އިސް މަސްއޫލުވެރިއަކު ކުރެއްވި މުހިންމު ފުރަތަމަ ދަތުރުފުޅެވެ.
ކޮވިޑް-19 ގެ ކުރިން ޗައިނާއާއި އިންޑިއާއާ ދެމެދު މަހަކު 500 އެއްހާ ޑައިރެކްޓް ފްލައިޓް އޮޕަރޭޓްކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާއެއް ކަމަށްވާ މަނީކޮންޓްރޯލް އިން ބުނެއެވެ. ކޮވިޑް-19 ފެށުމާއެކު ދަތުރުތައް ހުއްޓުނެވެ. އެއަށްފަހު ހޮންގކޮންގަށް ދަތުރުތައް ފެށިނަމަވެސް ޗައިނާއަށް ދަތުރުތައް ފަށާފައެއް ނުވެއެވެ.
ދެ ގައުމުގެ 3،500 ކިލޯމީޓަރު (2،200 މޭލު) ބޯޑަރުގެ އުސް ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވެފައިވެ އެވެ.
މި ހާދިސާގެ ސަބަބުން އިންޑިއާއިން ޗައިނާގެ ކުންފުނިތަކުން އިންޑިއާގެ، އިގްތިސާދީ މުހިންމު ދާއިރާތަކަށް އިންވެސްޓް ނުކުރެވޭނެ ގޮތް ހަދައި، ޓިކްޓޮކް އާއި ޗައިނާގެ އެތައް ސަތޭކަ ގޭމިން އަދި އީ-ކޮމާސް އެޕްތަކެއް އިންޑިއާގައި މަނާކުރި އެވެ.
ބެއިޖިން އާއި ނިއުދިއްލީން މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވެފައި ވަނީ ބޯޑަރުގެ މައްސަލަ ހައްލު ކޮށް ހަމަނުޖެހުން ކޮންޓްރޯލު ކުރާށެވެ.
އެ ގޮތަށް އެއްބަސްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ބޭއްވި ރަސްމީ ބައްދަލުވުމެއްގައެވެ.



