ނިއުޒިލެންޑްގައި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ޖެނޮސައިޑް ހޮޓްލައިނެއް ޤާއިމްކޮށްފިއެވެ. އިޒަރޭލުގެ ގަތުލުއާންމާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހޮޓްލައިނަކީ އެ ޤައުމަށް ޒިޔާރަތްކުރާ، ޖެނޮސއިޑް ހިންގުމުގައި ބައިވެރިވި އިޒްރޭއީލީ ޒަޔަނިސްޓް ސިފައިން ދެނެގަނެ، ޤާނޫނީ ފިޔަވަޅު އެޅުމަށް އެހީތެރިވުމަށް ޤާއިމްކޮށްފައިވާ ވަސީލަތެކެވެ.
ފަލަސްޠީން ސޮލިޑަރިޓީ ނެޓްވޯކް އައޮޓިއަރޯއާ (ޕީއެސްއެންއޭ) އިން ޤާއިމްކޮށްފައިވާ މި ހޮޓްލައިނަށް، އެ ޤައުމުގައި ޗުއްޓީ ހޭދަކުރަމުންދާ ޒަޔަނިސްޓް ސިފައިންގެ ތެރެއިން މީހަކު ފެނިއްޖެނަމަ ވަގުތުން އަންގަން އެދިފައިވެއެވެ. މިއީ ސަރުކާރުގެ ރަސްމީ މަސައްކަތެއް ނޫންކަމުން ޒަޔަނިސްޓުންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިކަމާ ދެކޮޅު ހަދާފައި ވެއެވެ.
ޕީއެސްއެންއޭ އިން ބަޔާންކޮށްފައިވަނީ، އިންސާނިއްޔަތާ ދެކޮޅަށް ކުށްތައް ހިންގާފައިވާ އިޒްރޭލުގެ ޒަޔަނިސްޓު ސިފައިންނަށް ނިއުޒިލެންޑްގައި މުނިފޫހިފިލުވުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މީހުން ހޯދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަމަށާއި، އެމީހުންނަކީ އެ ޤައުމުގައި މަރުޙަބާ ކިޔާ ބައެއް ނޫންކަން އަންގައިދޭން ބޭނުންވާކަމަށެވެ.
ކުރީގައި ނާޒީންގެ އަނިޔާއިން ސަލާމަތްވުމަށް ފަހު ނާޒީން ޝިކާރަ ކުރުމަށް ޔަހޫދީން މަސައްކަތްކުރި ފަދައިން، މިހާރު ހަނގުރާމައިގެ ޖަރީމާތައް ހިންގާ ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެފަދަ މަސައްކަތެއް ފަށާފައެވެ. މިކަމުގެ ސަބަބުން ޔަހޫދީންގެ އާންމު ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.


