އިނގިރޭސިވިލާތު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމަށް ބޭނުންވާ ކަމަށް އެގައުމުގެ ޔަހުދީންގެ ދެބައިކުޅަ އެއްބައި މީހުން ބުނެފިއެވެ. އިނގިރޭސިވިލާތުގައި ނަގާފައިވާ ޚިޔާލު ހޯދުމަކާ ހަވާލާދީ، އިޒްރޭލު މިޑިއާގައި ބުނެފައި ވަނީ، ޔޫކޭގައި ގިނަ އަދަދެއްގެ މީހުން ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ތާއީދު ކުރާ ކަމަށާއި އިނގިރޭސިވިލާތުގައި އިސްލާމް ދީން ބާރަށް ފެތުރެމުން ދާކަމަށާއި އަދި އިނގިރޭސިން މުސްލިމުންނަށް ހަމްދަރްދީ ވާތީ ޔަހޫދީންނަށް މުސްތަގްބަލުގައި ޔޫކޭގައި ފުރުސަތެއް ނެތް ކަމަށެވެ.
މި ޚިޔާލު ހޯދުމަކީ ކެމްޕެއިން އެގެއިންސްޓް އެންޓި ސެމެޓިޒަމް އެންޖީއޯއިން ހޯދާފައިވާ ޚިޔާލު ހޯދުމެކެވެ. ޚިޔާލު ހޯދުމުގައި ބައިވެރިވި 5 ހާހެއްހައި މީހުން ގެ ދެބައިކުޅަ އެއްބައި ބުނެފައި ވަނީ ޔޫކޭ ދޫކޮށް ދާން ބޭނުންވާކަމަށެވެ. ޒުވާނުންގެ ތެރޭން 67 ޕަސެންޓު މީހުން ވަނީ ޔޫކޭއިން ބޭރުވާން ބޭނުން ކަމަށް ބުނެފައެވެ. އަދި ޕެންޝަނަރުންގެ ތެރޭން 30 ޕަސެންޓް މީހުން ވަނީ އެމީހުން ޔޫކޭ ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެފައެވެ.




