ޕާކިސްތާންގެ ކަރާޗީގެ ޓްރެފިކް ސިގްނަލްތަކުގައި ތިބޭ ސަލާންޖަހާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިންދު ހައިކޯޓުން އަމުރެއް ނެރެފިއެވެ. އާންމު ފަރުދަކު ހުށަހެޅި މައްސަލައަކާ ގުޅިގެން، ކަރާޗީގެ ޓްރެފިކް ސިގްނަލްތަކުގައި ތިބޭ ސަލާންޖަހާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިންދު ހައިކޯޓުން މިއަދު ކަރާޗީ ޓްރެފިކް ފުލުހުންނަށް އަންގައިފިއެވެ.
މި އަމުރު ނެރެފައި ވަނީ ކަރާޗީ ހައިކޯޓުގެ 9 ފަނޑިޔާރުންގެ ބެންޗުންނެވެ. މިދިޔަ އަހަރުގެ މެއި މަހުގައި ކަރާޗީގެ ދަށު ކޯޓަކުންވެސް މިފަދަ އަމުރެއް ނެރުނެވެ. އެ އަމުރުގައި ވަނީ ސަލާން ޖެހުން މަނާ ކުރުމަށް މަސައްކަތް ކުރާ ފުލުހުންގެ ޔުނިޓް އަލުން ހަރަކާތްތެރިކުރުމަށް ފުލުހުންނަށް އަންގާފައެވެ.
ޕާކިސްތާންގައި ރާވައިގެން ސަލާންޖެހުމަކީ ބޮޑު ވިޔަފާރިއެކެވެ. އަދި އެކަމާ ދެކޮޅަށް މަސްއޫލު އިދާރާތަކުން ފިޔަވަޅު އަޅަމުން ގެންދެއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުން އޮކްޓޯބަރު މަހާ ހަމައަށްވެސް 205 ޕްރޮފެޝަނަލް ސަލާންޖަހާ މީހުން ޕާކިސްތާންގައި ހައްޔަރުކޮށްފައިވެއެވެ. އޯގަސްޓް މަހު ބޭރު ގައުމުތަކަށް ސަލާން ޖަހަން ދާން އުޅެނިކޮށް މީހުން ހުއްޓުވައި ބްލެކްލިސްޓު ކޮށްފައި ވެއެވެ. މެދުއިރުމަތީގެ ގައުމުތަކުގައި ޕާކިސްތާނު މީހުން ސަލާން ޖަހާތީވެ ޕާކިސްތާނަށް ހުތުރު ނަން ލިބިފައި ވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ބޭރު ޤައުމުތަކުގައި ސަލާންޖެހުމުގައި އުޅޭ ޕާކިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ޒީރޯ-ޓޮލަރެންސް ޕޮލިސީގެ ދަށުން، 4,300 އެއްހާ ސަލާންޖަހާ މީހުން ބްލެކް ލިސްޓުގައި ހިމަނާފައިވާކަމަށް ދާޚިލީ ވަޒީރު މުޙްސިން ރަޒާ ނަޤްވީ ސަޢޫދީ އަރަބިއްޔާގެ އިސްވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.




