ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ކުރި މަޝްވަރާތަކުގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤު ކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ރަޝިޔާގެ ސްޓޭޓް ޑޫމާއިން ބުރާސްފަތި ދުވަހު ގޮވާލައިފި އެވެ.
ސްޓޭޓް ޑޫމާގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައުލޫމާތުގެ ފުރިހަމަ އަދި މައުޞޫޢީ ތަޙުޤީޤެއް ހިންގުމަށް އެމެރިކާގެ ކޮންގްރެސްއަށް ގޮވާލާ ކަމަށެވެ. އަދި މި މައުލޫމާތު ކަށަވަރުވެއްޖެ ނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އަދަބު ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
މި މައްސަލަ ބޭޒާރުވީ އެމެރިކާގެ ނޫސްވެރިޔާ ޓަކަރ ކާލްސަން ހާމަކުރި މައުލޫމާތަކާ ގުޅިގެންނެވެ. އޭނާ ވަނީ ބްލިންކެން ޕޫޓިން އަވަހާރަކޮށްލުމުގެ މަސައްކަތަކަށް ތައްޔާރުވުމަށް ހުށަހެޅުއްވި ކަމަށާއި އެކަން ހިނގިނަމަ އެއީ ނިއުކްލިއަރ ހަނގުރާމައެއް ހިނގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބުންޏެވެ.
މި މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް ގޯސްވެފައިވާ ގުޅުން އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ފާހަގަކުރެ އެވެ. އަދި މި މައްސަލައިގައި ތަޙުޤީޤެއް ހިންގައި، ޙަޤީޤަތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ދެކެ އެވެ.




