ޚިޔާލުފާޅުކުރުން ހަނިކުރާ ބިލާ ދެކޮޅަށް މުޒާހަރާ ކޮށްފި

ޕާކިސްތާންގެ އިލެކްޓްރޯނިކް ކުށްތައް ހުއްޓުވުމުގެ ޤާނޫނު (ޕެކާ) އަށް ގެނެވުނު އިޞްލާޙުތަކާ ދެކޮޅަށް ނޫސްވެރިންގެ ޖަމާއަތްތަކުން މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވެފައިވެއެވެ.

މުޒާހަރާގައި ބައިވެރިވި ނޫސްވެރިން، އިޞްލާޙުތަކާ ދެކޮޅަށް ޝިޢާރުތައް ލިޔެފައިވާ ޕްލެކާޑުތަކާއި ބެނާތައް ހިފައިގެން، ޕާކިސްތާނުގެ ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ) ގެ ލީޑާޝީޕާއެކު ސަރުކާރުގެ މިނިސްޓްރީތައް ހުންނަ ސަރަހައްދަށް ގޮސް އަޑު އުފުލިއެވެ.

މުޒާހަރާގައި ބައިވެރިވި ނޫސްވެރިން ގާނޫނު ހަދާ މަޖިލިސް ގެއާ ދިމާއަށް ދަތުރުކުރަން މަސައްކަތްކުރި ނަމަވެސް، ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

ޕީއެފްޔޫޖޭގެ ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބައެއް ނޫން ކަމަށާއި،އެމީހުން މަސައްކަތް ކުރަނީ އެމީހުން މި ގާނޫނާ މެދު ދެކޭ ގޮތް ހާމަ ކުރުމަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޕާކިސްތާންގައަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހަމަލާދިނުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޒަރުދާރީ ވަނީ މި ބިލް ތަސްދީގު ނުކުރުމަށް ގޮވާލަމުން ދަނިކޮށް ބިލް ތަސްދީގު ކުރައްވާފައެވެ.

އިސްލާމްއާބާދުގައި ފުލުހުންގެ ބޮޑެތި ޔުނިޓްތަކެއް ހަރަކާތްތެރިވެ، ނޫސްވެރިންގެ ހަރަކާތްތައް ކޮންޓްރޯލުކޮށް ހަދާފައި ވެއެވެ. އަދި ކޮންމެވެސް ވަރެއްގެ  ހަމަނުޖެހުންތަކެއް ހިނގައި ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާތައް ވިކަމަށް ނޫސްވެރިންގެ ޖަމުއިއްޔާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!