9 ގައުމަކުން އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ޖަމާއަތެއް އުފައްދައިފި

ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ދޭ އިންޒާރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމުގެ މަގުސަދުގައި "ގުޅިފައިވާ ގާނޫނީ، އިގްތިސާދީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް" އެޅުމަށް މިއަދު ހޭގްގައި އެއްވި ނުވަ ގައުމެއްގެ ވަފުދުން ޚިޔާލު އެއްގޮތް ކޮށްލައިފި އެވެ.

އެމެރިކާއިން އައިސީސީއަށާއި އެފަރާތުގެ އަދުލުއިންސާފަށް ހުރަސްއަޅަން  މަސައްކަތްކުރުމުން ނުވަ ގައުމުން ވަނީ އެކަމާ ދެކޮޅަށް ނިކުމެފައެވެ. އެ ޤައުމުތަކަކީ، ބެލިޒް، ބޮލީވިއާ، ޗިލީ، ކޮލަމްބިއާ، ހޮންޑޫރަސް، ނަމީބިއާ، ސެނެގޯލް، ދެކުނު އެފްރިކާ، އަދި މެލޭޝިއާ އެވެ.

މި ޤައުމުތަކަކީ ދަ ހޭގް ގްރޫޕްގެ ނަމުގައި އުފައްދާފައިވާ ކޯލިޝަނެކެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ "އިޒްރޭލުން ޖަރީމާތައް ހިންގައި ގިނަ އަދަދަކަށް ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައި އުދުވާނީ އަމަލު ހިންގުމަކީ، ބައިނަލްއަގްވާމީ ގާނޫނުގެ ބިންގަލަށްދޭ ހަމަލައެއް" ކަމަށެވެ.

އައިސީސީގެ މަރުކަޒު ހުންނަ ނެދަލެންޑްސްގައި ހޭގް ސިޓީގައި މި ގްރޫޕްގެ ގައުމުތައް އެއްވެ، އެމެރިކާއިން ކޯޓަށް ފިއްތަމުންދާ ފިއްތުމުގެ ތެރޭގައި ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް މި 9 ގައުމުގެ މަންދޫބުން މަޝްވަރާކުރި އެވެ.

މި މަޝްވަރާތައް ބިނާވެފައިވަނީ މި ޤައުމުތަކުން ކުރިން ކޮށްފައިވާ މައްސައްކަތުގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ބެލިޒްއާއި ބޮލީވިއާއިން ވަނީ ޒަޔަނިސްޓު ގައުމާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ.

ހުކުރު ދުވަހު އެ ގްރޫޕުން ނެރުނު އެންމެ ފަހުގެ ބަޔާނުގައި ހޭގް ގްރޫޕްގެ މެމްބަރުން ވަނީ ޣައްޒާގައި ޒަޔަނިސްޓުން ހިންގާ ފައިވާ ހަނގުރާމައިގެ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ.

ޗިލީން ވެސް ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަލަސްތީނުގެ ހާލަތު އައިސީސީއަށް ހުށަހަޅައި، އަދި އެއަށްފަހު އިހުތިޖާޖު ކުރުމުގެ ގޮތުން އިޒްރޭލުން އެގައުމުގެ ސަފީރު އަނބުރާ ގެނެސްފަ އެވެ.

ކޮލަމްބިއާ އިންވެސް ވަނީ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރުން އިޒްރޭލުން ހަތިޔާރު ގަތުމާއި ކޯލާ ދެލި އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުން ތަކުރާރުކޮށް ކުށްވެރި ކުރަމުން ދާއިރު، މެލޭޝިޔާއިން ވަނީ އިޒްރޭލާ ގުޅުން ހުރި އުޅަނދުތައް އެ ޤައުމުގެ ބަނދަރަށް ނުވަދެވޭ ގޮތް ހަދައި މަނާކޮށްފައެވެ.

ހިއްސާ ކުރައްވާ!