ސިވިލް އޭވިއޭޝަން މުވައްޒަފުން މުސާރައިގެ މައްސަލައިގައި ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ މުވައްޒަފުންތައް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެ އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ދިމާވެފައިވާ މައްސަލައެވެ.

މުވައްޒަފުން ބުނެފައި ވަނީ، އާ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ލައްވާ ސޮއިކުރުވި ނަމަވެސް، ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ އާ އޮނިގަނޑާ އެއްގޮތަށް ނޫން ކަމަށެވެ.

އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ދެވިފައި ނުވާ މައްސަލައިގައި އޮތޯރިޓީން ބުނެފައިވަނީ، ސަރުކާރުގެ އިދާރާތަކުން އެކަމަށް ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށެވެ. ނަމަވެސް މުވައްޒަފުން ދެކޭގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ މުހިންމު ޒިންމާއެއް އަދާކުރާ އިދާރާއަކުން މިފަދަ ކަމެއް ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މުވައްޒަފުން ވަނީ މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް ވެސް އެދިފައެވެ.

ހިއްސާ ކުރައްވާ!