ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު އުފެދުނުތާ 5 މަސް ފަހުން، އެ ޤައުމުގައި ހަރުކަށި މީހުންގެ ނުފޫޒު އިތުރުވަމުންދާއިރު، ސިޔާސީ ހަމަނުޖެހުން އިތުރަށް ގޯސްވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރުމަށްފަހު، އިންތިޚާބެއް ބޭއްވުމުގެ އެއްވެސް އަލިމަގެއް ނުފެންނަ ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ. އޭގެ ބަދަލުގައި، ވަގުތީ ސަރުކާރުން އިސްލާމީ ޖަމާޢަތްތަކަށް އިތުރު ބާރުތައް ދީ، އެ ފަރާތްތަކުގެ ނުފޫޒު އިތުރުކުރަމުންދާ ކަމަށް ފާހަގަކުރެވެއެވެ.
ޖަމާޢަތޭ އިސްލާމީ (ޖޭއައި) އާއި އެ ޖަމާއަތުގެ ދަރިވަރުންގެ ޖަމްޢިއްޔާ ކަމަށްވާ އިސްލާމީ ޗަތުރާ ޝިބީރު (އައިސީއެސް) އަލުން އުފެދި، އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެމީހުން ދަނީ ގޮވާލަމުންނެއެވެ. މީގެ އިތުރުން، ގާނޫނުތައް އުވާލައި އިސްލާމީ ޝަރީޢާ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްވެސް ގޮވާލާފައި ވެއެވެ.
ސަރުކާރަށް ކުރިމަތިވެފައިވާ ފިއްތުންތަކާއެކު އަންސާރުލް އިސްލާމް އަދި ޖަމާޢަތުލް މުޖާހިދީން ބަންގްލަދޭޝްގެ ލީޑަރުންގެ 140 އަށް ވުރެ ގިނަ ހަނގުރާމަވެރިން މިނިވަންކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ދީނީ މައިނޯރިޓީތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތައް އިތުރުވަމުންދާ ކަމަށާއި، މީހުން މެރުމައި ފައްޅިތަކަށް ހަމަލާދިނުމުގެ ހާދިސާތައް އިތުރުވަމުންދާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ. މި ހާލަތުގައި، ޖަމާޢަތޭ އިސްލާމީ އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާ ދެމެދު ހިނގަމުންދާ ކޯޅުންތަކާއި ހަމަނުޖެހުންތަކުން، ޤައުމުގެ ސިޔާސީ މަސްރަޙު އިތުރަށް ނުތަނަވަސްވަމުންދާ ކަމަށް ބެލެވެއެވެ.
ހަރުކަށި ބާރުތައް ވަރުގަދަވަމުންދާއިރު، ޤާނޫނު ތަންފީޒުކުރާ އިދާރާތައް ދަނީ ބަލިކަށިވަމުންނެވެ.
މި ހާލަތުގައި، ބަންގްލަދޭޝްގައި ދިގު މުއްދަތަކަށް ހަމަނުޖެހުން ދެމިގެންދިއުމުގެ ނުރައްކާ އޮތް ކަމަށް ސިޔާސީ މުހައްލިލުން ވިދާޅުވެއެވެ. އަދި މިހާތަނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.




