ޕާކިސްތާނުގެ އިންފްލޭޝަން ރޭޓް ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، އެ ގައުމުގެ އިގްތިސާދީ ހާލަތު ދަނީ ގޯސްވަމުން ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.
ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 4.1 ޕަސެންޓުގައެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން 29.3 ޕަސެންޓުގައި ހުރި ހިސާބުން އައިސްފައިވާ ކުރިއެރުމެކެވެ.
ނަމަވެސް، އިގްތިސާދީ މާހިރުން ބުނާ ގޮތުގައި މި ކުރިއެރުން ހޯދިފައި ވަނީ ވަރަށް ބޮޑު އަގެއް ދައްކައިގެންނެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި ޕާކިސްތާނުގެ ޖީޑީޕީ ކުރިއެރުން އެވްރެޖްކޮށް ހުރީ އެންމެ 2.6 ޕަސެންޓުގައެވެ. މިއީ އާބާދީގެ ކުރިއެރުމަށްވުރެ ތަންކޮޅެއް މަތީ މިންވަރެކެވެ. މީގެ ސަބަބުން ބޮލަކަށް ޖެހޭ ހަގީގީ އާމްދަނީއަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ވަޒީފާގެ ބާޒާރަށެވެ. ޕާކިސްތާނުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 9.4 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މިފަހުގެ އަހަރުތަކުގެ ތެރޭގައި އެންމެ މަތީ ނިސްބަތެވެ. ޚާއްސަކޮށް ޒުވާނުންނާއި އަންހެން މަސައްކަތްތެރިންނަށް ވަޒީފާ ނެތުމުގެ ދަތިކަން އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ރިއަލް ވޭޖް ވަނީ 20 ޕަސެންޓަށް ދަށްވެފައެވެ. މިއީ އަގުތައް މައްޗަށް ދިއުމާ އެއްވަރަށް މުސާރަތައް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެކެވެ.
ޕާކިސްތާނުގެ އިގްތިސާދީ ހީނަރުކަން އުފެދިފައިވަނީ ކޯވިޑް-19 ފަދަ ބޭރުގެ ލޮޅުންތަކާއި 2022 ވަނަ އަހަރު ދިމާވި ގެއްލުން ބޮޑު ފެންބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ލޮޅުންތައް އެރުމުންނެވެ. އަދި އިގްތިސާދު އިތުރަށް ގޯސްވެފައިވާ ވޯލްޑް ބެންކުން އަޅަން ބުނި ހަރުކަށި މަނިޓަރީ ޕޮލިސީގެ ފިޔަވަޅުތަކާއި މުދާ އެތެރެ ކުރުން މަނާކުރުމަށް އެޅި ފިޔަވަޅުތަކާއި ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުންނެވެ.
2024-25 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުން ހުރީ 1 ޕަސެންޓަށްވުރެ ދަށުގައެވެ. މިހާލަތުން މި މާލީ އަހަރުވެސް އަދި އަރައި ގަނެވޭނެހެނެއް ހިއެއް ނުވެއެވެ.





