އދ. ގެ އާ ރިޕޯޓަކުން ދައްކާގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ އާބާދީ އެމެރިކާގެ މިހާރުގެ އާބާދީ ފަހަނައަޅައި ގޮސް، ދުނިޔޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކަށް ވެގެންދާނެއެވެ.
އދ. ގެ ގްލޯބަލް ފަރޓިލިޓީ ރިޕޯޓް 2024 ގައި ހާމަކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރު ޕާކިސްތާނުގައި އުފަންވާ މީހުންގެ ނިސްބަތަކީ 3.6 ޕަސެންޓެވެ. މިއީ އެހެން ގިނަ ޤައުމުތަކާ އަޅާބަލާއިރު މަތީ އަދަދެކެވެ. ނަމަވެސް، މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިސާލަކަށް، 1994 ވަނަ އަހަރު ޕާކިސްތާނުގައި އަންހެނަކު އެވްރެޖްކޮށް 6 ކުދިން ވިހައެވެ.
މިހާރު ޕާކިސްތާނަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެންމެ އާބާދީ ބޮޑު ޤައުމަކީ އިންޑިއާ އެވެ. ދެވަނައިގައި ވަނީ ޗައިނާއެވެ. ތިންވަނައިގައި ވަނީ އެމެރިކާ އަދި ހަތަރުވަނައިގައި ވަނީ އިންޑޮނޭޝިއާއެވެ. އެހެންނަމަވެސް، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު، 25 އަހަރުގެ ތެރޭގައި ޕާކިސްތާނުން، އެމެރިކާއާއި އިންޑޮނޭޝިއާ ފަހަނައަޅައި ގޮސް، ދުނިޔޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކަށް ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ރިޕޯޓުން ދޭހަވާ ގޮތުގައި، ޕާކިސްތާނުގައި އުފަންވާ ކުދިންގެ ނިސްބަތް ފާއިތުވި 30 އަހަރު ތެރޭގައި ދަށްވެފައިވީ ނަމަވެސް، އަދިވެސް އެ ޤައުމުގެ އާބާދީ އިތުރުވަމުންދަނީ އެހެން ޤައުމުތަކަށްވުރެ މަތީ މިންވަރެއްގައެވެ. މިކަމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ޕާކިސްތާނުގެ އާބާދީ އިތުރުވެ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުތަކުގެ ތެރޭގައި އިސް ސަފުގައި ހިމެނިގެންދާނެ ކަމަށް ބެލެވެއެވެ.




