ޕާކިސްތާން ސިފައިން އިސްވެ ތިބެގެން ހިންގާ ބޮޑު ކޯޕަރޭޓް ފާމިންގ މަޝްރޫއު ކަމަށްވާ ޕާކިސްތާނުގެ ގްރީން ޕާކިސްތާން އިނިޝިއޭޓިވް އަށް ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅު ހަދައި އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ކޮށްފިއެވެ.
މި އިސްނެގުމުގެ މަގުސަދަކީ ދަނޑުވެރިކަން ޒަމާނީކޮށް އިންވެސްޓްމަންޓަށް ޝައުގުވެރި ކުރުވުމެވެ. ނަމަވެސް، ފާޑުކިޔުންތެރިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ކުދި ދަނޑުވެރިންނަށް އެމީހުންގެ ދަނޑުބިންތައް ދޫކޮށް، ފެނުގެ ވަސީލަތްތައް ގެއްލި، އިކޯލޮޖިކަލް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
ބޮޑެތި ކުންފުނިތަކަށް ފުޅާދާއިރާއެއްގައި ކޯޕަރޭޓް ދަނޑުވެރިކަމަށް ބޮޑެތި ބިންތަކެއް ދޫކޮށްފައިވާ ޕަންޖާބާއި ސިންދުގައި ވަނީ މުޒާހަރާތައް ބާއްވާފައެވެ. ދަނޑުވެރިންނާއި އެކްޓިވިސްޓުން ބިރުގަންނަނީ ދަނޑިވެރިކަން ބޮޑެތި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ބަދަލުވުމުން ކުދި ބިން ވެރިންނަށް ނުރައްކާވެ، ދަނޑުވެރިކަމުގެ މުހިންމު ވަސީލަތްތައް ލިބުން ހަނިވެގެން ދިއުމެވެ.
"ކޯޕަރޭޓް ފާމިންގ އަކީ ކުދި ދަނޑުވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމެއް،" ޕާކިސްތާން ކިސާން ރާބީތާ ކޮމިޓީ (ޕީކޭއާރުސީ) ގެ ޖެނެރަލް ސެކްރެޓަރީ ފާރޫގް ތާރިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޕަރޭޓް ދަނޑުވެރިކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސަރުކާރުން ބިންވެރިވާ ގޮތަށް ބިމުގެ ދާއިރާގައި އިސްލާހުތައް ތަންފީޒުކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުދި ދަނޑުވެރިންނަށް ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ޕަންޖާބާއި ސިންދުގެ ދަނޑުވެރިން ވަނީ ބޮޑެތި ވިޔަފާރިތަކަށް ބިން ބަހާ ސިޔާސަތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ނުކުމެފަ އެވެ. ސިންދުގައި ބޭއްވި އެއްވުމެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ދަނޑުވެރިކަން ކުރާ ޖަމާއަތްތަކުން ފުޅާދާއިރާއެއްގައި ބައިވެރިވެ މުޒާހަރާ ކޮށްފައި ވެއެވެ. ދަނޑުވެރިކަމުގެ ބިން ކޯޕަރޭޝަންތަކަށް ދޫކުރުމުގެ ބަދަލުގައި ސަރުކާރުން ކުދި ދަނޑުވެރިންނަށް ތާއީދު ކުރަން ޑިމާންޑް ކޮށްފައި ވެއެވެ.
"ދަނޑުވެރިކަމުގެ ބިންތަކުގެ ކޮންޓްރޯލް ބޮޑެތި ކުންފުނިތަކަށް ބަދަލުކުރުމަށް ވުރެ ޒަމާނީ ދަނޑުވެރިކަމުގެ ސާމާނާއި ފެންހިންދުމުގެ ނިޒާމުތައް ހޯދުމަށް ސަރުކާރުގެ އެހީތެރިކަން ކުދި ދަނޑުވެރިން ބޭނުންވޭ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ދަނޑުވެރިން ކަންބޮޑުވަނީ ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން ކުދި ދަނޑުވެރިންގެ ޚަރަދުގައި ބޮޑެތިކުންފުނިތަކުގެ މަސްލަހަތަށް ފައިދާ ލިބިދާނެތީ އެވެ.





