ސަލްޓަން ޕާކާއި ރަސްފަންނުގެ ރީތިކަން އަލުން ގެނެސްދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްފަންނަށް ޒިޔާރަތްކުރައްވައި، ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، އިތުރަށް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެވެސް ބޮޑަށް ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން" ކަމަށެވެ.

ތޮތްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ މި ދެ ތަން ވީރާނަވަމުންދާތީ ހިތާމަކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ތަރައްގީކުރެއްވި ދެ ތަނެވެ. މިގޮތުން ރަސްފަންނު ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

ނަމަވެސް މިހާރު ސަލްޓަން ޕާކު ވަނީ މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، ޕާކުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވާން ފަށާފައެވެ. ހަމައެހެންމެ ރަސްފަންނުވެސް ވަނީ އަޅާނުލެވި އެވެ. އެތާނގައި ހުރި ކުޑަތަކާއި ޖޯލިތަކާއި ގޮނޑިތައް ވެސް ވަނީ ބާވެފައެވެ.

ހިއްސާ ކުރައްވާ!