ރަމަޟާން މަހަށް ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން މާލެ ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. "ރޯދަ ސާފު" ގެ ނަމުގައި ކުރިއަށްގެންދާ މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މި ރަސްމިއްޔާތު ބޭއްވުނީ މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައެވެ.
މި މަސައްކަތް ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕުން އާޓިފިޝަލް ބީޗް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ދެވަނަ ގްރޫޕުން އުސްފަސްގަނޑު ސަރަހައްދު ސާފުކުރަމުންދެއެވެ. ތިންވަނަ ގްރޫޕުން އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ސާފުކުރަމުންދާއިރު، ހަތަރުވަނަ ގްރޫޕުން ޕޯޓްސް ލިމިޓެޑް ސަރަހައްދު ސާފުކުރަމުންދެއެވެ. އަދި ފަސްވަނަ ގްރޫޕުން ސަލްމާން މިސްކިތް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
މި މަސައްކަތުގައި އާރުޑީސީ، މީރާ، އެމްއެންޑީއެފް، އެމްޑަބްލިޔުއެސްސީ، ޕޮލިސް، ކަރެކްޝަނަލް ސާވިސް، ކަސްޓަމްސް، ނެޝަނަލް ޑްރަގް އެޖެންސީ، މޯލްޑިވްސް ގޭސް އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ ފަދަ ގިނަ މުއައްސަސާތަކެއް ބައިވެރިވެއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިން ތަކަށާއި ކުނި އަޅަން ހާއްސަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.




