މާލޭ ސިޓީ ކައުންސިލުން އިއުލާނުކުރެއްވި ގޮތުގައި ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެއެވެ.
މިހާރު ހިދުމަތްދެމުންދާ ގަލޮޅު މޯޗަރީއަކީ 1975 ގައި ހުޅުވުނު، މިހާރު 50 އަހަރު ވެފައިވާ ތަނެކެވެ. ފުރަތަމަ ހުޅުވުނުއިރު 2 މީހުންގެ ހަށިގަނޑު ބެހެއްޓޭ ޖާގަ އޮތް އެތަނުގައި މިހާރު 6 މީހުންގެ ހަށިގަނޑު ބެހެއްޓޭނެ ޖާގަ ވެއެވެ. އައު އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ މިހާރުގެ ހިނަވާގެ ސަރަހައްދުގައެވެ. އައު އިމާރާތުގައި ޖުމްލަ 10 މީހުންގެ ހަށިގަނޑު ބެހެއްޓޭނެއެވެ. އަދި 2 މުވައްޒަފުންނަށް ދިރިއުޅެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެއެވެ.
ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މުޅި ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރެވޭނެ އެވެ. މިހާރުގެ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ، ވަސީލަތްތައް މަރާމާތަށް ބޭނުންވެފައި ވީނަމަވެސް، ހުޅުމާލެއަށް ބަދަލުވަންދެން މިހާރުގެ އިމާރާތުގެ މަރާމާތުތައްވެސް ކުރިއަށް ގެންދާނެއެވެ.




