ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އަލްފާޟިލާ އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ނިއުދިއްލީގައި ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއަކާއި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ސަފީރު އަޒީމާ ވަނީ، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ އިން ދެމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ހައިކޮމިޝަނަރ އަޒީމާ ޝުކުރު އަދާކުރިއެވެ. ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައެވެ.



