ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުމަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ފޮންޓެއް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. މި ފޮންޓަށް ކިޔާފައިވަނީ "މައުމޫން" އެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ފޮންޓު ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ އާޓް ގެލެރީގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއް ގައެވެ. އަދި ފޮންޓު އާންމުންނަށް ދައްކާލުމަށްޓަކައި ހޮނިހިރު ދުވަހު މާލޭ އާޓް ގެލެރީގައި މައުރަޒެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މައުރަޒު އާންމުންނަށް ހުޅުވާލެވިފައި އޮންނާނީ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް ކަމަށް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
"މައުމޫން" ފޮންޓު ތައްޔާރުކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެންނެވެ. ރައީސް މައުމޫނަކީ ތާނައަކުރުންނާއި އަރަބިން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އިސްލާމީ މަރުކަޒުގެ މިހުރާބުގައި ފެންނަން ހުރި އާޔަތުލްކުރުސި ލިޔުން ކޮޅާއި އެމިސްކިތުގެ ނަމަކީ ދީވާނީ އަކުރުން ރައީސް މައުމޫނު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުމަށް ފޮންޓެއް ތައާރަފްކުރާ ފުރަތަމަ ފަހަރު ކަމަށްވާތީ، މި ފޮންޓަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެއް ކަމުގައި ބެލެވެއެވެ.




