ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓްގައި ރާއްޖެ ހިމަނާފައެއް ނެތް

ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓްގައި އެންމެ ކުރީގައި އަދިވެސް އުޅެނީ ފިންލެންޑެވެ. ދެކުނު އޭޝިއާއިން ކުރީގައި އުޅެނީ ނޭޕާލެވެ. އެއަށްފަހު ޕާކިސްތާނެވެ. އަދި ޕާކިސްތާނަށް ވުރެން 9 ދަރަޖަ ފަހަތުގައި އިންޑިއާއެވެ. އަދި ސްރީލަންކާއާއި ބަންގްލަދޭޝް ދާދި އެއްވަރެއްގައެވެ. އަދި މުޅި ދުނިޔޭގައިވެސް މީހުން އެންމެ އުފާވެރި ނޫން ގައުމުގެ ގޮތުގައި ގިންތިކޮށްފައި ވަނީ އަފްޣާނިސްތާނެވެ.

މި ރިޕޯޓްގައި ބުނާ ގޮތުން އެމެރިކާ ވަނީ އުފާވެރިކަމުން މާޔޫސް ކަމަށް ސޮއްސާލާފައެވެ. އަދި އެހެން ގައުމުތަކުގައި ދިރިއުޅުމުގެ މާޔޫސީއާ ގުޅިފައިވާ މަރުތައް މަދުވާއިރު އެމެރިކާގައި ދިރިއުޅުމުގެ މާޔޫސީއާ ހެދި މަރުތައް ވަނީ އިތުރު ވެފައެވެ.

ދުނިޔޭގެ މީހުންގެ މެދުގައި އެކަނިވެރިކަން އާންމު ވަމުންދާ ކަމަށްވެސް މި ރިޕޯޓްގައި ދައްކައެވެ.

ދުނިޔޭގެ އިންސާނުންގެ އުފާވެރިކަމުގެ ރިޕޯޓަކީ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ވެލްބީން ރިސާޗް ސެންޓަރުން ބުރާސްފަތި ދުވަހު ނެރުނު ވޯލްޑް ހެޕީނެސް ރިޕޯޓް 2025 އެވެ.

އުފާވެރިކަން ގިންތިކޮށްފައި ވަނީ ދިރިއުޅުމުގެ ހިތްހަމަޖެހުމުގެ އިތުރުން ބޮލަކަށް ޖެހޭ ޖީޑީޕީ، އިޖުތިމާއީ ގޮތުން މީހުންނަށް ލިބެން އޮންނަ ސަޕޯޓާއި، ދުޅަހެޔޮ އުމުރާއި، މިނިވަންކަމާއި، މުޖުތަމައުގެ މީހުންގެ ދީލަތިކަމާއި، ކޮރަޕްޝަންގެ މައްޗަށް ބަލައިލައި ފަރުދުން އަމިއްލައަށް ވަޒަންކުރާ ތިން އަހަރުގެ އެވްރެޖަކަށް ބަލައިގެންނެވެ.

އުފާވެރިކަމާއި ދީނީ އަޤީދާއަކާ ގުޅުމެއް ނުވާކަމަށް މި ރިޕޯޓްގެ ޑޭޓާއިން ހާމަވެއެވެ. ނަމަވެސް އިންސާނުންގެ އުޅުމާއި އަޅާލުން އުފާވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ވެސް ދައްކައެވެ.

ލިސްޓްގައި އިސްލާމީ ގައުމެއް އެންމެ ފުރަތަމައަށް ގިންތިކޮށްފައި ވަނީ 21 ވަނާގައެވެ. އެއީ ޔޫއޭއީއެވެ. ޔޫއޭއީއަކީ މާއްދިއްޔަތުގައި މެދުއިރުމަތީގައި އެންމެ ކުރިއަރާފައިޥާ ޤައުމެވެ. އަދި ލިސްޓްގައި ޤަތަރު ހިމަނާފައެއް ނުވެއެވެ. ކުވެއިތު އޮތީ 30 ވަނާގައެވެ. އޭގެ ދެ ދަރަޖަފަހުން ސައޫދީ އަރަބިއްޔާއެވެ.

ސާވޭގައި ބައިވެރިވި 147 ގައުމުގެ ތެރެއިން ޕާކިސްތާން ހިމެނިފައި ވަނީ، 109 ވަނައިގައެވެ. އގްތިސާދީ އަދި ސިޔާސީ ކާރިސާތަކާއެކު ވެސް ދެކުނު އޭޝިއާގައި ދެވަނައަށް އުފާވެރި ގައުމުގެ ގޮތުގައި ފާހަގަ ވެއެވެ. އަދި އިންޑިއާ ގިންތިކޮށްފައި ވަނީ ޕާކިސްތާނަށް ވުރެން 9 ދަރަޖަ ފަހަތުގައެވެ. ދެކުނު އޭޝިއާގައި އެންމެ އުފާވެރި ގައުމަކީ ލިސްޓުގައި 91 ވަނާގައި އޮތް ނޭޕާލެވެ.

ސްރީލަންކާ އޮތީ 133 ވަނައިގައި އެވެ.  ބަންގްލަދޭޝް އޮތީ 134 ވަނައިގަ އެވެ.

ޗައިނާ އޮތީ 68 ވަނާގައެވެ.

ފުރތަމަ ފަހަރަށް މި ލިސްޓަށް އެރި ކޮސްޓަރިކާ (6 ވަނަ) އާއި މެކްސިކޯ (10 ވަނަ) ވެސް ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.

މި ރިޕޯޓްގައި އެހެން މީހުންނަށް ކާއެތިކޮޅު ދިއްކޮލުމުގެ އާދަވެސް ގިންތިކޮށްފައި ވެއެވެ. އެ ރޮނގުން ދުނިޔޭގައި އެންމެ ކަންޖޫސް ސަރަހައްދު ކަމަށް ފާހަވެގެން އެންމެ ފުލުގައި އުޅެނީ ދެކުނު އޭޝިއާ ސަރަހައްދެވެ. އެއީ، ދނިޔޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދެވެ. އިންޑިއާ އުޅެނީ ޕާކސްތާނަށް ވުރެން ފަހަތުގައެވެ. އެހެން މީހުންނަށް ކާއެތިކޮޅެއް ދިއްކޮށްލުމުގެ ރޫހު މި ސަރަހައްދުގައި އުޅެނީ ނިސްބަތުން ހަފްތާއަކު 4 ފަހަރުއެވެ.

މީހުންގެ މެދުގައި އޮންނަ އިތުބާރާއި އޯގާތެރިކަން ބަލާފައި ވަނީ ވޮލެޓެއް ގެއްލުމުން އެ އެއްޗެއް އަނބުރައި ގެނެސްދޭ މިންވަރަށް ބަލާފައެވެ. އެގޮތުން ސާވޭގައި ބަލާފައި ވަނީ ގެއްލޭ ވޮލެޓް ގެނެސްދެނީ އަވަށްޓެރިޔާތޯ ނޫނީ ފުލުސް މީހާ ތޯ ނޫނީ ނުވެސް ދަންނަ މީހެއްތޯއެވެ. މި ތިން ގިންތިއަށް ބަލައިގެން ގައުމުތަކަށް ދަރަޖަތައް ދީފައި ވެއެވެ.

ޕާކިސްތާންގައި ގެއްލޭ ވޮލެޓެއް ފުލުހަކު އަނބުރައި ހަވާލު ކޮށްފާނެ ކަމަށް ބަލައިގެނެއް ނުވާނެ އެވެ. އެއާ ޚިލާފަށް އިންޑިއާގައި ގެއްލޭ ވޮލެޓް ހަވާލު ކުރުމުގައި ނުދަންނަ މީހާއާއި އަވަށްޓެރިޔާއަށް ވުރެންވެސް ކުރީގައި އުޅެނީ ފުލުސް މީހާއެވެ.

ހައިރާން ކުރަނިވި ކަމަކީ، ދުނިޔޭގެ އެންމެ އުފާވެރި ނޫން ގައުމުކަމަށް ގިންތިކޮށްފައިވާ އަފްޣާނިސްތާންގައި އަވަށްޓެރިޔާވެސް ނުދަންނަ މީހާވެސް އަދި ފުލުސް މީހާވެސް ގެއްލޭ ވޮލެޓް ގެނެސްދޭނެ ކަމުގެ އިތުބާރު މީހުންގެ މެދުގައި ބޮޑު ކަމެވެ. ބަނގްލަދޭޝްވެސް އެގޮތުން ފާހަގަ ކުރެވޭ މިންވަރަކަށް ރަނގަޅެވެ.

ސައޫދީ އަރަބިއްޔާއާއި ޔޫއޭއިއާއި ކުވެއިތު، ނިސްބަތުން މުއްސަނދިކަމުގައި ވިއަސް މި ގައުމުތަކުގައި ވޮލެޓް އަނބުރައި ހަވާލު ކުރާނެ ކަމުގެ މާބޮޑު އިތުބާރެއް ނެތެވެ. އެވަރެޖުކޮށް 3 ދާއިރައިންވެސް މިގައުމުތައް އުޅެނީ 20 ޕޮއިންޓުގައެވެ. އެއީ ނިސްބަތުން ވަރަށް ދަށް މިންވަރެކެވެ.

މި ރިޕޯޓުގެ ހޯދުންތައް ބިނާވެފައިވަނީ ގޭލަޕް ވޯލްޑް ޕޯލްގެ މައުލޫމާތާއި ލޮއިޑްސް ރެޖިސްޓާ ފައުންޑޭޝަން ވޯލްޑް ރިސްކް ޕޯލް އާއެކު އެހެން މަސްދަރުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މި ޑޭޓާ ތަހުލީލުކޮށްފައި ވަނީ އިންސާނުންގެ ދުޅަހެޔޮކަމާ ބެހޭ ސައިންސްގެ ދާއިރާގެ އިސް ތަޖުރިބާކާރުން ގެ ޓީމަކުން ނެވެ.

ރިޕޯޓްގައި ހުޅަނގުގެ ސިނާއީ ގައުމުތަކުން މިހާރު އުފާވެރިކަން ކުޑަވެފައިވާ ކަމަށް ދައްކައެވެ. އެކަމަކުވެސް ތަރައްގީ ވަމުން އަންނަ ގައުމުތަކާއި އިސްލާމީ ގައުމުތަކާ އަޅާބަލާއިރު މި މާއްދިއްޔަތުގެ ގައުމުތައް އަދިވެސް އުޅެނީ ކުރީގައެވެ.

ދުނިޔޭގެ ގިނަ މީހުންނަށް އާއިލާއަކީ އުފަލާއި އެއްބާރުލުން ލިބޭ ގުޅުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއް ކުއްޖަކާއެކު ދިރިއުޅޭ ދެމަފިރިން ނުވަތަ ގިނަ ކުދިންނާއެކު މާމައާއި ކާފައާއެކު ދިރިއުޅޭ ދެމަފިރިންގެ އެވްރެޖް ދިރިއުޅުމުގެ ހިތްހަމަޖެހުން ވަކިން މަތި ކަމަށް ދައްކަ އެވެ.

އަމިއްލައަށް އެކަނި އުޅޭ މީހުންގެ މެދުގައި ގިނަ ފަހަރަށް އުފާވެރިކަމުގެ މިންވަރު ދަށް ކަމަށް ދައްކަ އެވެ. އަދި ބޮޑެތި ޚާންދާންތަކުގައި އެއްކޮށް އުޅޭ މީހުންނަށް އިގްތިސާދީ ދަތިކަމާ ހެދި ހިތްހަމަޖެހުން ކުޑަކަމަށްވެސް ދައްކައެވެ.

ހިއްސާ ކުރައްވާ!