އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސެނެޓަރު ކޯރީ ބުކަރ ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުލަފާ ކަމާއި ގާނޫނުއަސާސީއާ ޚިލާފު އަމަލުތަކާ ދެކޮޅަށް ފާޑު ވިދާޅުވެ 25 ގަޑިއިރުގެ ތަޤްރީރެއް ދެއްވައި ރެކޯޑެއް ހައްދަވާފައެވެ. މިއީ ކޮއްޅަށް ހުންނަވައިގެން މެދު ކެނޑުމެއް ނެތި މެމްބަރަކު އެމެރިކާގެ ސެނެޓުގެ ތާރީޚުގައި ދެއްވި އެންމެ ދިގު ތަޤްރީރެވެ. ރެކޯޑު މުގުރާލި ތަޤްރީރު ދެއްވާފައި ވަނީ އަންގާރަ ދުވަހުއެވެ.
ބޫކަރ ވަނީ ސެނެޓްގެ ތަޅުމުގައި ކޮއްޅަށް ހުންނަވައިގެން މެދުކެނޑުމެއް ނެތި ވާހަކަ ދައްކަވާފައެވެ. އެ މުއްދަތުގައި އޭނާ ފާޚާނާވެސް ބޭނުން ކުރައްވާފައެއް ވެސް ނުވެއެވެ.
އަންގާރަ ދުވަހުގެ ކުރިން ސެނެޓުގައި މެމްބަރަކު ދީފައިވާ އެންމެ ދިގު ތަޤްރީރަކީ، 1957 ވަނަ އަހަރު އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ އިންސާނީ ހައްގަށް އަރައިގަނެ އެމީހުން ދަށުދަރަޖައިގެ ބައެއް ކަމަށް ގާނޫން ކަނޑައަޅައިގެން ގެންގުޅުނު ހަރަކާތާ ދެކޮޅަށް ދެއްވި ތަޤްރީރެވެ. އެއީ 24 ގަޑިއިރާއި 18 މިނެޓް ވަންދެން ސައުތު ކެރޮލައިނާގެ މެމްބަރު ސްޓްރޮމް ތަރމަންޑް ދެއްވި ތަޤްރީރެވެ.
ކަޅު ނަސްލުގެ ސެނެޓަރު ބޫކަރ ގެ ތަޤްރީރަކީ 25 ގަޑިއިރާއި ފަސް މިނެޓު ވަންދެން ދެއްވި ތަޤްރީރެކެވެ.




