އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، "ހިތްވަރުގަދަ" ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތައުރީފް ކުރައްވައިފި އެވެ. އަންވަރު މިވާހަކަ ވިދާޅުވީ، މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމަށް މެލޭޝިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި، ރާއްޖެ އާއި މެލޭޝިޔާއިން ގެންގުޅޭ ވިސްނުން އެއް ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
މެލޭޝިއާއާއި ރާއްޖެއާ ދެމެދު ގިނަ ދާއިރާތަކުން ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުންތައް
- ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ
- ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކިފްލި އަޙުމަދު
- ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ޚައިރުލް ފިރުދައުސް އަކްބަރު ހާން
- ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދާތުކް މުޙައްމަދު އާލަމީން
- ބައިލެޓްރަލް ކޮންސަލްޓޭޝަން އާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދާތުކް މުޙައްމަދު އަލަމީން އެވެ.
ފޮޓޯ: ރައީސް އޮފީސް

