ރައީސް ތަޤްރީރު ކުރެއްވީ އިސްލާމީ ޙަޟާރަތާއި އައު ޒަމާނުގެ ނަހްޟަތާ ބެހޭ ގޮތުން

މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގައި ރައީސުލްުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި އިސްލާމީ ޙަޟާރަތާއި އައު ޒަމާނުގެ ނަހްޟަތާ ބެހޭ ތަޤްރީރުގައި އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ގެ ޙާލަތަށާއި މުސްލިމުންގެ ޢިލްމީ ޙިއްސާއަށް ބައްލަވާ ލެއްވިއެވެ. އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޟާރާތުންކަން ހަނދާންކޮށްދެއްވާފައެވެ. އޭރު، ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވަރސިޓީތަކުގެ ވިއުގަތައް ޤާއިމުކޮށްފައި ހުރިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

އެގޮތުން ޒަމާނީ، ފިކުރީ ނަހްޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސައިންސާއި އަޤީދާއަކީ ތަޢާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގައި އެމަނިކުފާނަށް ޝަރަފްވެރި ޑޮކްޓަރޭޓް އެރުވުމަށްފަހު ދެއްވި ތަޤްރީރެކެވެ. އައި.އައި.ޔޫ.އެމް ގެ ފަރާތުން ވަނީ  "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެމަނިކުފާނަށް ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއެއް އަރުވާފައެވެ.

"އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީޚުން ފެންނާން ހުރި ކާމިޔާބީތަކަށް އިޝާރާތްކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި އެ ޢަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އިސްލާމް ދީނަކީ، އަމަން އަމާންކަމާއި، އޯގާތެރިކަމާއި، ޢިލްމާއި، ޢަދުލުއިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށްވެސް ޢިލްމު އުނގެނި، ކުރިއަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަޤުބަލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.

އިސްލާމީ ހަޟާރަތުގެ ތަރިކައަށް ޙައްޤު ޝަރަފު ހޯދައިދޭން ޢަޒުމު ކަނޑައަޅައިފި ނަމަ، ޞިއްޙީ ދާއިރާގައްޔާއި، ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާތަކުގައިވެސް އިންޤިލާބީ ހޯދުންތައް ހޯދުމުގެ ފުރުޞަތު އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އައި.އައި.ޔޫ.އެމްގެ އިސްވެރިންނާއި ފެކަލްޓީ އާއި ދަރިވަރުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޔުނިވަރސިޓީއިން އެމަނިކުފާނަށް އެރުވި ޝަރަފު ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ ކުރިއެރުމަށްޓަކައި ޖަމަޢީ ގޮތެއްގައި ހިއްސާކުރާ ޢަޒުމު ކަމުގައި އެމަނިފާނު ވިދާޅުވިއެވެ.

ޕަހަންގްގެ ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާ އާއި، ޔުނިވަރސިޓީގެ އިސް އޮފިޝަލުންނާއި، މެލޭޝިއާގެ ތަޢުލީމީ ދާއިރާ ތަމްސީލުކުރާ އިސްވާރުން، މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ހިއްސާ ކުރައްވާ!