ޖެންޒީ މުޒާހަރާއާ ގުޅިގެން ޒުވާން އަންހެން ކުއްޖަކު ހައްޔަރު ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުންނަށް ނިސްބަތް ކޮށް މީސްމީޑިއާގައި ދައުރު ކުރަމުންދާ އިސްކިރީނަކީ ފޭކް އިސްކިރީން ޝޮޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ޤާނޫނީ ވަލީކު އާއިޝާ އާޒިމާ ޝަކޫރު ވިދާޅުވެއެވެ.
ޖެންޒީ މުޒާހަރާއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 ރައބީޢުގެ މ. ހަސްތީ ޢާއިޝަތު ޝިމަން އަޙްމަދާއި އުމުރުން 28 އަހަރުގެ ނ.ކުޑަފަރި، ބަގީޗާގެ ޢަބްދުﷲ މަޙްޒޫމް މާޖިދެވެ.
މިފަރާތްތައް ހައްޔަރު ކުރުމުން، އުންމީދުގެ އަލިމަގެއް ފެނިއްޖެ ކަމަށާއި ވަރަށް އަވަހަށް އިންސާފު ގާއިމުކުރެވޭނެހެން ހީވާ ކަމަށް ބުނެ، ރައީސް މުއިއްޒުގެ ދަރިފުޅު ޔާސްމީނަށް ނިސްބަތް ކޮށް އިންސްޓަގްރާމް އެކައުންޓެއްގެ ސްޓޯރީގެ އިސްކިރީން ޝޮޓެއް ދައުރު ކޮށްފައި ވެއެވެ. އޭގައި ހައްޔަރުކުރި ޝިމަންއަށް މަލާމާތް ރައްދުވާ ގޮތަށް އިބާރާތް ކޮށްފައި ވެއެވެ.
މި ކަން ތިލަވުމާ ގުޅިގެން އާންމުން ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން އުސްތާޒާ އާޒިމާ ވަކީލު ވިދާޅުވީ، ދައުރަވަމުން އަންނަނީ ޔާސްމީންގެ ސްޓޯރީގެ ފޮޓޯއެއް ނޫން ކަމަށާއި އެއީ ހަދާފައިވާ ފޭކް އިސްކިރީން ޝޮޓެއް ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، މުޒާހަރާގެ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ދޮގު މައުލޫމާތު ފެތުރުމާއި އާންމުންނަށް އޮޅުވާލަނީ ކަމަށާއި އެކަން ހުއްޓާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

