ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި "ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް" ސާބަސްދެއްވައިފިއެވެ. ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ދެއްވާފައިވާ ޔަޤީންކަމަކީ، "ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީން" ކަމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" މިއެވެ.
މިއަހަރު މަސްނޫޢީ ބުއްދި، (މަބް)އާ ބޭހޭގޮތުން ޝިއާރުކަނޑައަޅާފައި އޮތުމުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުވެސް ބައްޓަން ވެފައި ވަނީ ސާދާ ބަހުރުވައިގެ ޚިޠާބަކަށް ވުރެން ޓެކްނިކަލް ޚިޠާބަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ނޫސްވެރިކަމުގެ އަޚުލާޤު ނަގަހައްޓައި، މުޢުތަބަރު މަޢުލޫމާތު ދައުރުކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
މުޖުތަމައު ޖަވާބުދާރީ ކުރުމަށް މިނިވަން ނޫސްވެރިކަން މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް" މިނިވަން ނޫސްވެރިކަމަކީ، ލާޒިމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ.
މަބްއާ މައްސުނިވެފައިވާ މިއަދުގެ މީޑިއާގެ ވެށީގައި މީޑިއާއަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލި އަޅުވައި ލެއްވިއެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދާ ކަމެއް ކަމެއް ނޫނީ ކުރަން ރާއްވަވާފައިވާ ކަމެއް ކަމެއް ސާފެއް ނުވިއެވެ. "މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަޚުލާޤާ އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނުގައެވެ.





