ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިސްލާހުތައް ނޫސްވެރިންނާއެކު ބެއްވެވި ބައްދަލުވުމުގައި ހާމަ ކުރައްވާފައެވެ. މިއީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެމަނިކުފާނު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ހާމަކުރައްވާފައިވާ ވާހަކަފުޅެކެވެ. ރައީސް ވިދާޅުވި ތަފްސީލުގެ ތެރޭގައި:
1، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިއާސީ އިންތިޚާބު އެއްކޮށް ބޭއްވުމާއި؛
- ރިއާސީ އިންތިޚާބު ޕްރިފަރެންޝަލް ވޯޓަކަށް ބަދަލު ކުރުމާއި؛ ދެވަނަ ބުރެއް ނުބޭއްވުމާއި؛
- ނޮވެމްބަރު 11 ގައި ހުވައި ކުރާގޮތަށް ރިއާސީ ދައުރު ފެށުމަށާއި؛
- ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި އަދަދަށް ވުރެން މެމްބަރުން އިތުރު ވިޔަ ނުދިނުމާއި؛
- އަތޮޅު ކައުންސިލްތައް އުވާލުމާއި؛
- އިންތިޚާބު ކުރާ މަގާމުތަކުގައި ތިބޭ މީހުން ރައްޔިތުންނަށް އަނބުރައި ގެނެވޭ ގޮތަށް ވޯޓެއް އެހޭގޮތަށް ނިޒާމު ބަދަލު ކުރުމެވެ.
ރައްޔިތުން ހޮވާ މީހުން އަނބުރައި ގެންދިއުމަށް ރިކޯލް ވޯޓެއް ނެގުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
"އެއީ ރައްޔިތުންނަށް ބާރުދިނުމަކީ. ރައްޔިތުން އޭނާ ހޮވީ. އެހެންވީމާ ރައްޔިތުން ބޭނުންވެއްޖެ ނަމަ އޭނާ ވަކިކުރެވެން ޖެހޭނެ ނޫންތޯ ދައުރުގެ މެދުތެރެއިން ވިޔަސް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި އެފަދަ ރިކޯލް ވޯޓަކުން ރައީސުލްޖުމްހޫރިއްޔާވެސް އިސްތިސްނާ ނުވާނެ ކަމުގައިވެސް ވިދާޅުވިއެވެ.




