ބަންދު މުއްދަތު ޖެހުމުންވެސް ދެ ޒުވާނުން ދޫކޮށްލައިފި

ޔުމްނު ރަޝީދު، މަތިން ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ފެށިފައިވާ މުޒާހަރާތަކުގައި ބައިވެރިވެގެން ހައްޔަރު ކުރި ދެ ޒުވާނުން ބަންދުން ވީއްލުމާއެކު ރޭ އަނެއްކާވެސް މުޒާހަރާގައި ބައިވެރިވެއްޖެއެވެ. އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި، ކުރިން ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ފުރަމުން ގެންދިޔަ އަބްދުﷲ މަހްޒޫމް މާޖިދު ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެމީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 3 ދުވަސް ޖެއްސެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ބަންދުން ދޫކޮށްލާފައެވެ. އެކަމުގެ ސަބަބެއް ސާފެއް ނޫނެވެ.

މި ދެ ޒުވާނުން ހައްޔަރުކޮށްފައި ވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. މިއީ މިފަހުން މުޒާހަރާއެއްގައި ބަޔަކު މީހުނާމެދު ފުލުހުން އެންމެ ހަރުކަށިކޮށް އަމަލު ކުރި މުޒާހަރާއެވެ. އަދި އެކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުން ވަނީ ފުލުހުންގެ އަމަލަށް ފާޑު ކިޔާފައެވެ.

މުޒާހަރާއަށް ނިކުތުމާއެކު ޒުވާނުން ބުނެފައި ވަނީ، ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ބިރެއްވެސް ނުގަންނާނެ ކަމަށެވެ. އަދި ގަދަކޮށް ތިބިކަމަށާއި ދެރަވެސް ނުވާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!