ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކޮއެލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) މިހާރު ވަކި ވެއްޖެއެވެ. އެމްޑީއޭއަކީ މީދޫ ދާއިރާގެ ރައްޔިތުންގެ މެމްބަރު އަދި ވިޔަފާރިވެރިޔާ، އަހްމަދު ސިޔާމް ގެ ޕާޓިއެވެ.
މިކަން ޔަޤީން ކޮށްދެއްވީ ރައީސް މުޢިއްޒު އިއްޔެ ނޫސް ވެރިންނާއެކު ބޭއްވި ތަފްސީލީ ބައްދަލުވުމުގައެވެ.
ސިޔާމްއާއި އޭނާގެ ޕާޓީއަކީ ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕިއާއެކު ޕީއެންސީއާއި ރައީސް މުޢިއްޒަށް ފާޑުކިޔައި ކެމްޕޭން ކުރި ޕާޓީއެކެވެ. ނަމަވެސް ދެ ވަނަ ބުރަށް ދިއުމާއެކު އެމްޑީޕީ ދޫކޮށް ޕީއެންސީ ފަޅިއަށް ސިޔާމްއާއި އޭނާގެ ޕާޓީން އެރިއެވެ.
ސިޔާމުގެ ޕާޓީން ވަނީ ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެއިރު އެމްޑީއޭއިން ވަނީ ދެޕާޓީން އެއްބަސްވެފައިވާ ކަންކަމަށް ސަރުކާރު ފަޅިން ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.




