ރައީސުލްޖުމްހޫރިއްޔާގެ ރިއާސީ ޖަޒީރާ އާރަށަށް އެމަނިކުފާނުގެ ވެރިކަމުގައި މިވީ، 532 ދުވަހުގެ މުއްދަތުގައި ވަޑައިގަތީ އެންމެ 116 ފަހަރު ކަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރައްވައިފިއެވެ.
މިކަމުގެ މަޢުލޫމާތު ރައީސް އިއްޔެ އާންމުކޮށް ހާމަ ކުރެއްވީ އެ މައުލޫމާތު މީޑިއާއާ ހާމަ ކުރުމަށް ޑިފެންސް މިނިސްޓްރީން އިއުތިރާޒް ކޮށްފައި ވަނިކޮށެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކަށް ހެލުގެ ގޮތުގައި ހޭދަވެފައިވާ މިންވަރުވެސް ހާމަކޮށްދެއްވާފައެވެ. އެގޮތުން އެ ދަތުރުތަކަށް މިހާތަނަށް 844،635ރ. ޚަރަދު ވެފައި ވެއެވެ.
މި ދަތުރުތަކުގެ އިތުރު ތަފްސީލު ހާމަކުރައްވާކަށްވެސް ރައީސް ފަސްޖެހިވަޑައެއް ނުގަތެވެ. ރައިސް ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅުތަކުގެ ތެރެއިން 85 ދަތުރަކީ ފުޓްބޯޅަ ކުޅުއްވުމަށް ކުރެއްވި ދަތުރުފުޅުތަކެއް ކަމަށެވެ. އަދި އާއިލީ ދަތުފުޅުތަކެއްގެ ގޮތުގައި 31 ދަތުރުފުޅެއް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.




