މާޒީގައި ޕާކިސްތާނުން ޓެރަރިސްޓުންނާއި ގުޅުން ބޭއްވި: ބުއްޓޫ ޒަރްދާރީ

މާޒީގައި ޕާކިސްތާނުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކޮށްފައިވާ ކަމަށް ޕާކިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާރީ އެއްބަސްވެ ވަޑައިގެންފިއެވެ. އޭނާ ވިދާޅުވީ އިސްލާމްއާބާދުން ޓެރަރިސްޓް ޖަމާއަތްތަކަށާއި ތާލިބާނުންނަށް ތާރީޚީ ގޮތުން ތާއީދުކުރާކަމަކީ އެންމެނަށް އެނގޭ ކަމެއް ކަމަސެވެ.

ސްކައި ނިއުސްގެ ޔަލްދާ ހަކީމްއަށް ދެއްވި އިންޓަވިއުއެއްގައި ޒަރުދާރީ ވިދާޅުވީ އެކަމަކީ އެއީ ޕާކިސްތާނުގެ ތާރީޚުގައި ހިނގައި ދިޔަ "ނުރަނގަޅު ބާބެއް" ކަމަށެވެ. އަދި ޚާއްސަކޮށް ތާލިބާނުންގެ ވެރިކަމާ ހަވާލުވި ދުވަސްވަރު ޕާކިސްތާންގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ވެރިޔާ ކާބުލްގައި ހުރި ކަމަށްވެސް އިޝާރާތް ކުރެއްވި އެވެ. ނަމަވެސް ޕާކިސްތާންގައި އެފަދަ ސިޔާސަތުތައް މިހާރު ނުހިނގާ ކަމަށް ފާހަގަކުރެއްވިއެވެ.

މިއީ މާޒީގައި ހަނގުރާމަވެރިންނަށް ޕާކިސްތާނުން ތާއީދު ކުރި މައްސަލައަށް ވާހަކަ ދެއްކެވި ދެވަނަ މަސްއޫލުވެރިޔާއެވެ. މީގެ ކުރިން ޕާކިސްތާންގެ ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފު ވެސް ވަނީ ރުސީންނާ އަފްޣާނީން ހަނގުރާމަ ކުރި ދުވަސްވަރު 30 އަހަރު ވަންދެން ޕާކިސްތާނުން ހުޅަނގަށް މަސައްކަތް ކޮށްދިން ކަމަށް ވިދާޅުވެފައެވެ.

ބުއްޓޫ ޒަރްދާރީ ވިދާޅުވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުން ހަރުކަށި ފިކުރުގެ ފަރާތްތަކާ މިޙާރު ގުޅުން ކަނޑާލާފައި ވާނެ ކަމަށެވެ. ނަމަވެސް ބޭތާބް ވާދީގައި ދީފައިވާ ހަމަލައަށް އިންޑިއާއިން ޒިންމާ ކޮށްފައި ވަނީ ޕާކިސްތާނެވެ. އަދި ޕާކިސްތާނުގެ 3 މީހަކު ހަރަކާތްތެރިވި ކަމަށާއި އެމީހުންގެ ޑިޖިޓަޕް ފުޓް ޕްރިންޓް ކަރާޗީއާ ހަމައަށް ފޯރާ ކަމަށް އިންޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!